ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތަކަށް ހިންގުމަކީ އެމަނިކުފާނު ފުރިހަމަ އަށް ގަބޫލުކުރައްވާ ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ވަޑައިގެން އެ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުންނެވެ. އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ހުށަޅަން ގަސްދުކުރާ އިސްލާހުތަކުގެ ސަބަބުން އެއްވެސް ރައްޔިތަކަށް ދެރައެއް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ.
ދާދިފަހަކުން ޕީއެންސީ ހައުސްގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ގިނަ ކައުންސިލަރުން އިންތިހާބު ކުރުމުން ދައުލަތުގެ ހަރަދު ބޮޑުވާ ކަމަށް ވިދާޅުވެ ރައީސް ވަނީ ކުދި އާބާދީތަކަށް ރައީސަކާއި ނައިބު ރައީސެއް އިންތިހާބުކުރުމުން ފުދޭނެ ކަމަށް ވިދާޅުވެފައެވެ.
ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ފުރިހަމަ އަށް ގަބޫލުކުރައްވާ ނިޒާމެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ ހަމައެކަނި ބޭނުންފުޅު ވަނީ އެ ނިޒާމުގެ އެފިޝެންސީ އިތުރުކުރުން ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ކުރަން ހުރި ކަންކަން މިހާރަށް ވުރެ ފުރިހަމައަށް ކުރުމުގެ ކަންތައްތަކެއް ގާނޫނަށް އިސްލާހުތަކެއް ގެނައުން. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އެންމެ ތަންކޮޅެއް ވެސް ކުޑަވާކަށް ބޭނުމެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހުޅުމާލެއިން މާލެ ސިޓީ ކައުންސިލަށް ކުއްޔަށް ބިން ދިނުމުގެ ބަދަލުގައި، މާލެ ސިޓީ ކައުންސިލަށް ހުޅުމާލޭގައި ބިން އޮންނަންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ސަބަބަކީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހި، އަދި ތިން ވަނަ ފިޔަވަހީގައި ސިޓީ ކައުންސިލުން ހިދުމަތް ދޭންޖެހޭތީ ވެހިކަލްތަކާއި އެކި ކަހަލަ އިކުމަންޓްސް ބެހެއްޓުމަށް ބިން ބޭނުންވާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އުދައެރުމުގެ ސަބަބުން މީހުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށާއި ރާޅުބޮޑުވާ ދުވަސްތަކުގައި ބްރިޖުގެ މާލެއާ ވީ ފަރާތުންނާއި ހުޅުލެ ކޮޅުން އުދައަރާ ކަމަށާއި އެކަމުގެ ސަބަބުން މީހުންނަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށެވެ.