ރިޝްވަތު ނަގައި، ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގެ ނެޓްވޯކުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 13 ޖަލު އޮފިސަރުންގެ ފޮޓޯ އާންމުކޮށް، އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މި ނެޓްވޯކުގައި ބައިވެރިވި ޖަލު އޮފިސަރުންގެ އެކައުންޓުން 73.6 މިލިއަން ރުފިޔާ ފެނިފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓުން 24 މިލިއަން ރުފިޔާ ފެނިފައިވެއެވެ.

އެ މީހުންގެ ފޮޓޯ އާންމުކޮށް، ވަނަވަރު ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ.

ވަގު ނެޓްވޯކުގައި ބައިވެރިވި މީހުން:

  1. ޒަޔާން އަޙްމަދު، ކ. މާފުށި، މާވިނަ، 23 އަހަރު
  2. ޔާމީން ހުސައިން، ރ. މީދޫ، ހިޖާޒް، 23 އަހަރު
  3. އަހުމަދު ޝަމާލް، ށ. ފޯކައިދޫ، ފަހާގެ، 24 އަހަރު
  4. މުހައްމަދު ރިމާޒް، ށ. ފޯކައިދޫ، ދަނބުމާގެ، 29 އަހަރު
  5. އަހުމަދު އަނޫފް، ކ. ކާށިދޫ، ބިންމަތީގެ، 27 އަހަރު
  6. އަލީ އަޝްފާގު، ނ. ލަންދޫ، ކާމިނީގެ، 32 އަހަރު
  7. ޖާޒިން ޙަމީދު، ފ. ނިލަންދޫ، ހަވޭލި، 22 އަހަރު
  8. ޖިނާޙް އަބްދުލްރަހީމް، ރ. އުނގޫފާރު، އައިވަރީ ހައުސް، 29 އަހަރު
  9. މުހައްމަދު ފަތޫހު ފަތުހުﷲ، ގއ. ވިލިނގިލި، ކުއްޅަވައްގެ، 24 އަހަރު
  10. އަލީ ހިޝާމް، ކ. މާފުށި، ބީޗް ހައުސް، 33 އަހަރު
  11. މުހައްމަދު ނަބުހާމް، ކ. މާލެ، ގ. އީވްނިންގ ސްޓަރ، 30 އަހަރު
  12. މުހައްމަދު ނަބީލް އިބްރާހިމް، ކ. މާލެ، މ. މޭދާ، 21 އަހަރު
  13. އަލީ ނާޒިމް، ހދ. ނޭކުރެންދޫ، ތަރާނާގެ، 36 އަހަރު
ރިޝްވަތު ހިފައި، ޖަލަށް ޑްރަގާއި ފޯނު ވެއްދި ކަމަށް ބުނާ ޖަލު އޮފިސަރުންގެ ތެރެއިން ހަތް މީހުން: 13 މީހުންގެ މައްޗަށް ދައުވާކޮށްފައިވޭ-- ފޮޓޯ/ ޕޮލިސް

މި މީހުން ހިންގާފައިވާ ކުށްތަކާ ގުޅިގެން، ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައި ވަނީ ޖަލު އޮފިސަރުންގެ އެކައުންޓަށް ފައިސާ ވަދެފައި ވަނީ ގައިދީންގެ އެކައުންޓުތަކުންނާއި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންގެ އެކައުންޓުތަކުންކަމަށެވެ. މި މީހުންގެ އެކައުންޓަށް 73.6 މިލިއަން ރުފިޔާ ވަދެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ޖޫންމަހުގެ ނިޔަލަށެވެ.

"މި ފަރާތްތަކަކީ މިހާތަނަށް އަޅުގަނޑުމެން ބެލި ބެލުމުން ވިޔަފާރީގައި ރަސްމީ ގޮތުން ބައިވެރިވާ ފަރާތްތަކެއް ނޫން. އަދި އިތުރު ވަޒީފާއެއް އަދާކުރެވޭ ފަރާތެއް ނޫން،" އިހްސާން ވިދާޅުވެފައިވެއެވެ.