ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒުގެ މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ޖައިޝަންކަރު ރާއްޖެ އަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ. ނަމަވެސް މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުވެސްމެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އައްޑޫ އަށް ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
އައްޑޫ އަކީ އިންޑިއާގެ އެހީގައި ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދާ އަތޮޅެވެ. އެގޮތުން އެ ސިޓީގެ މަގުތަކާއި ޕޮލިސް ކޮލެޖަކީ ވެސް އިންޑިއާގެ އެހީގައި ތަރައްގީ ކޮށްފައިވާ ތަނެކެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ވެސް ޖައިޝަންކަރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެން ޖައިޝަންކަރާ ބައްދަލުކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު އިންޑިއާއާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެއީ އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކުރިޔަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެންނެވެ. އަދި ވެރިކަމާއި ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވިތާ ކައިރީގައި އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކޮށް މި ސަރުކާރަށް ނިސްބަތްވާ ތިން ޑެޕިއުޓީީ މިނިސްޓަރަކު ވާހަކަދެއްކި މައްސަލަ ވެސް ހޫނުވިއެވެ.
އެއާއެކު އިންޑިއާގެ ރައްޔިތުން ވަނީ ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލައިފައެވެ. އެހެންކަމުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ބޮޑުތަނުން ދަށަށް ދިޔައެވެ.