މި ސަރުކާރުގެ ނުވަ މަސް ދުވަހުގެ ތެރޭގައި އެއް ކަމެއް ކުރެވިފައިނުވާ ކަމަށާއި މި ސަރުކާރަށް ކުރެވުނު ކަމަކީ ސަޅި ކެނޑުން ކަމަށް މާލޭގެ މޭޔަރު އަދި އެމްޑީޕީ މާލޭގެ ރައީސް އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
"ސަޅި ކަނޑަކުމުން ކަނޑަމުން ގޮސް، ހުސް ސަޅި މި ކެނޑުނީ. އެހެންވީމަ ރައްޔިތުންނަށް އެނގޭނެ ސަޅިކަން މި ކެނޑީ،" އެމްޑީޕި ގައުމީ މަޖިލީހަށް އާޒިމް އިންތިހާބުވުމަށްފަހު، ރޭ ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުން ބިން ހިއްކާފައި ދިނުމުން، މި ސަރުކާރަށް ގޯތި ނުދެވުނު ކަމަށާއި ފްލެޓް އިމާރާތްކޮށްފައި ދިނުމުން، ފްލެޓު ވެސް މި ސަރުކާރަށް ނުދެވުނު ކަމަށެވެ.
އާޒިމް ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުން އުޅެނީ އެމްޑީޕީގެ ސަރުކާރުން ދީފައިވާ ފްލެޓާއީ ގޯތި އަތުލާށެވެ. ނަމަވެސް ފްލެޓުތަކާއި ގޯތިތައް އަތުނުލެވެނީ ސަރުކާރުގެ ލިޔުން ދީފައިވާތީ ކަމަށާއި އެ ލިޔުން ނުދިންނަމަ، ހުރިހާ ފްލެޓަކާއި ގޯއްޗެއް އަތުލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާތީ، އެކަމަށް އިޝާރާތްކޮށް އާޒިމް ވިދާޅުވީ އެ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީން އަޑުއުފުލަންޖެހޭ ކަމަށާއި އެ ގޮތަށް މުވައްޒަފުން ކަނޑާލުމަކީ އެމްޑީޕީއަށް ކެތްވާނެ ކަމެއް ނޫން ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ހިސާބުތަކުން ފެންނަ ގޮތުގައި 2،000 ސިޔާސީ ވަޒީފާ އެބަހުރި ދީފައި. 2،000 ވަޒީފާއަށް 35،000 ރުފިޔާ އެވްރެޖްކޮށް ދޭ ކަމަށް ވަންޏާ ވެސް އެއީ 70 މިލިއަން ރުފިޔާ. އެ 70 މިލިއަން ރުފިޔާއިން އެންމެ 10 ޕަސެންޓް ކަނޑާލާފައި މިއަދު ތި ކަނޑަން އުޅޭ މުވައްޒަފުންނަށް ދިނަސް އެ މީހުން ވަޒީފާއިން ވަކިކުރާކަށް ނުޖެހޭނެ،" އާޒިމް ވިދާޅުވިއެވެ.
"މިވަރު ކަމެއް ވެސް ދޫނުކޮށްލައި އެތައް ރައްޔިތުންނެއް ބިކަ ކުރުމަކީ އަޅުގަނޑުމެން އެމްޑީޕީއަށް އަޅުގަނޑުމެންނަށް ކެތްވާ ވަރުގެ ކަމެއް ނޫން."
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކަމަށް ބުނެ، ތުރުކީއިން ގަނެފައިވާ ޑްރޯންތަކަށް އިޝާރާތްކޮށް އާޒިމް ވިދާޅުވީ 500 މިލިއަން ހަރަދުކޮށްގެން ގެނައި ޑްރޯންތަކުން ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށާއި ވައިގަދަވެއްޖެނަމަ އެ ޑްރޯންތަކަށް މައްޗަށް ނޭރޭ ކަމަށެވެ.
އާޒިމް ވިދާޅުވީ އެ ޑްރޯންތައް ގަތުމުގެ ބަދަލުގައި އެ 500 މިލިއަން ރުފިޔާ މިހާރު ކަނޑަން އުޅޭ މުވައްޒަފުންގެ މުސާރައަށް ހޭދަކުރާނަމަ، އެ މުވައްޒަފުން ވަޒީފާއިން ކަނޑަން ނުޖެހޭނެ ކަމަށާއި ފަސް އަހަރު ވަންދެން އެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ކަމަށެވެ.