އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހިންގާ އިމާރާތް ބާވެ، ފާރުތަކުން ފެން ލީކުވެ، މުވައްޒަފުންގެ ސިއްހަތަނަށް ނުރައްކާވާ މިންވަރަށް އެތަނުގެ ހާލަތު ގޮސްފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އައިކޮމްގެ ސެކްރެޓަރީ ޖެނަރަލް އިދުރީސް އިސްމާއީލް މިއަދު ވިދާޅުވީ އެ އޮފީހުގައި "ހެލްތު ހަޒާޑެއް" ކުރިމަތިވެފައިވާ ކަމަށެވެ.

ސިއްހީ ކާރިސާއެއް، އެ އޮފީހަށް ކުރިމަތިވެފައި ވަނީ ފާރުން ފެން ލީކުވެ، ފާރުތައް ހަލާކުވެ، ފަންގަސް ޖަހައި، ވަސް ނުބައިވުމުގެ ސަބަބުންނެވެ. އެ ނުރައްކަލާ ގުޅިގެން އެ އޮފީހުގެ ސައި ކޮޓަރި ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ.

"ހެލްތީ ގޮތުން މިއީ އެއްވެސް ރައްކާތެރިކަމެއް އޮތް ތަނެއް ނޫން. [އެންމެ ފާޚާނާއެއް ހުއްޓަސް] ފާހާނާ ބޭނުންކުރަން އަޅުގަނޑުމެންނަށް އެބަ މަަޖުބޫރުވޭ،" އިދުރީސް ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު (ކ) އަދި ސެކްރެޓަރި ޖެނަރަލް އިދުރީސް އިސްމާއިލް-- ފޮޓޯ/ އައިކޮމް

އިދުރީސް ވިދާޅުވީ އައިކޮމްގެ ހުރިހާ މުވައްޒަފުން ބޭނުންކުރަން އެ ތަނުގައި ހުންނަނީ އެންމެ ފާހާނާއެއް ކަމަށެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުން ވެސް ބޭނުންކުރަނީ އެ ފާހާނާ ކަމަށާއި އޮފީހުގެ ޖުމްލަ 22 މުވައްޒަފުން އެ ފާހާނާ ބޭނުންކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިކޮމް އޮފީސް ހިންގަމުންދަނީ މާލެ ސިޓީ ކައުންސިލާއި ގައުމީ ކުތުބުހާނާ ކުރިން ހިންގި އިމާރާތް، "ބިއްލޫރިޖެހި" ގޭގައެވެ. މަޖީލީމަގުގައި ހަތަރު ބުރިއަށް އިމާރާތްކޮށްފައިވާ އެ އިމާރާތުގައި އައިކޮމްގެ އިތުރުން ތިން އޮފީހެއް ހިންގަމުންދެއެވެ. އެއީ ޖެންޑަރ މިނިސްޓްރީ އާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހާލަތު: މި ފޮޓޯތައް އާންމު ކުރީ މަޖިލީހުގެ ކޮމިޓީގައި

އެ އޮފީސްތަކުން ވެސް ވަނީ އެ އިމާރާތުގެ ޝަކުވާ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފައެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކުރުމުން، އެ ކޮމިޝަނުން ކުރިން ބުނެފައި ވަނީ އެ އިމާރާތުގައި މީދަލުގެ އުނދަގޫ ބޮޑުވެފައިވާ ކަމަށެވެ.

އޮފީހުގެ ޖާގައިގެ ދަތިކަމަށް އަލިއަޅުއްވާލައްވައި، އިދުރީސް މިއަދު ވިދާޅުވީ އޮފީހަށް އަލަށް ނެގި ދެ މުވައްޒަފުން އިށީންނާނެ ތަނެއް ނެތިގެން މަސައްކަތް ކުރަން ތިއްބެންޖެހެނީ އޮފީހުގެ މީޓިން ރޫމުގައި ކަމަށެވެ.

މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން، ބާއްވާ އަޑުއެހުންތަކަށް އެ މީޓިން ރޫމް ކޮންމެ ދުވަހަކު ބޭނުން ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހާލަތު: މި ފޮޓޯތައް އާންމު ކުރީ މަޖިލީހުގެ ކޮމިޓީގައި

އިދުރީސް ވިދާޅުވީ މިއަހަރު ހަތަރު މުވައްޒަފުން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ހުއްދަ ދިން ކަމަށާއި މިހާތަނަށް ނެގުނީ ދެ މުވައްޒަފުން ކަމަށެވެ. އިތުރު ދެ މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިކޮމްއަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ 6.3 މިލިއަން ރުފިޔާއެވެ. މުވައްޒަފުންގެ މުސާރަ އާއި އޮފީސް ހިންގުމަށް، ރިކަރަންޓް ހަރަދުގެ ގޮތުގައި 5.8 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު"ގެ ގާނޫނުގެ ދަށުން 2014 ވަނަ އަހަރު އުފައްދާފައިވާ އޮފީހެކެވެ.