ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ދިރިއުޅުއްވާ ގަނޑުވަރަށް ވަދެގަތުމުން، އެކަމަނާ ހެލިކަޕްޓަރުގައި ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފިއެވެ.

ހަސީނާ މިއަދު އިސްތިއުފާ ދެއްވީ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ވަރުގަދަވެ، ހަސީނާ ދިރިއުޅުއްވާ ގަނޑުވަރަށް ވަދެގަނެ، އެތަން ލޫޓުވަން ފަށާފައިވަނިކޮށެވެ.

މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާ އާއި ފުލުހުން ބަޑިޖަހައި އެތައް ބަޔަކު މަރާލާފައިވެއެވެ. ވޭތުވެދިޔަ މަސް ދުވަހުގެ ތެރޭގައި މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 300އަށް ވުރެ ގިނަ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެއެވެ.

ހަސީނާ މިއަދު ފިއްލަވައިގެން ވަޑައިގެންނެވީ އަށްޓެރި އިންޑިއާގެ، އަގަރްތަލާއަށެވެ.

ހަސީނާ، 2009 ވަނަ އަހަރު ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށްފަހު، ވޭތުވެދިޔަ 14 އަހަރު ތެރޭގައި ބަދަހި ގުޅުންތަކެއް އިންޑިއާއާއެކުވެފައިވެއެވެ. ހަސީނާ ވިދާޅުވެފައި ވަނީ 1971 ވަނަ އަހަރު ބަންގުލަދޭޝްއަށް މިނިވަންކަން ލިބުނުފަހުން އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއި އަދި އަސްކަރިއްޔާގެ ފަރާތުން ބޮޑު އެއްބާރުލުމެއް އެ ގައުމަށް ލިބިފައިވާ ކަމަށެވެ.

މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވިފަހުން، އިސްތިއުފާ ދެއްވައި، ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތުމަށް ފުރުސަތު ދެއްވި މައްސަލާގައި ބަންގުލަދޭޝްގެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެކަމުގައި އިންޑިއާގެ ބައިވެރިވުން އޮތް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ބޮޑުވަޒީރުކަމުން ހަސީނާ އިސްތިއުފާ ދެއްވުމުން، ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބަންގުލަދޭޝްގެ އަސްކަރިއްޔާއިންނެވެ. އަސްކަރިއްޔާއިން ބުނީ އެކަން ކުރިއަށް ގެންދަނީ އިދިކޮޅު ޕާޓީތަކުގެ މަޝްވަރާތަކާ އެކުގައި ކަމަށެވެ.

ސިލްސިލާ މުޒާހަރާތައް ފެށި ސަބަބު:

މުޒާހަރާތައް ފެށީ ބަންގްލާދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުންގެ ގާތްތިމާގެ މީހުންނަށް ސަރުކާރު ވަޒީފާތަކުގެ ބޮޑު ބައެއް ދިނުމަށް ހަސީނާގެ ސަރުކާރުން ނިންމުމުންނެވެ. އެގޮތުން 1971ގައި ކުރި ހަނގުރާމައި އުޅުނު މީހުންގެ އާއިލާތަކާއި ގާތްތިމާގެ މީހުންނަށް ބަންގުލަދޭޝް ދައުލަތުގެ ތިންބައިކުޅަ އެއްބައި ވަޒީފާ ދިނުމަށް ނިންމިއެވެ.

ހަސީނާ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ޔުނިވާސިޓީތަކުގެ ދަރިވަރުން ނުކުމެ، މުޒާހަރާތައް ފެށިއެވެ. މުޒާހަރާތަކާ ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، މަގުތަކުގައި އަޑުއުފުލަމުންދިޔަ ދަރިވަރުން މަރައި، އިދިކޮޅު ފަރާތްތައް ހައްޔަރު ވެސް ކުރިއެވެ.