ނިމިދިޔަ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބުނު ފަރާތްތަކާއި ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ދީފައިވާ ގޯތިތަކުގެ މައްސަލާގައި މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރާ ކުރަން ހުށަހަޅާފައިވާ ސުވާލު އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށް ނިންމައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މުހައްމަދާއި ސުވާލު ކުރުމަށް ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. އޭނާ މިނިސްޓަރާ ސުވާލު ކުރައްވަނީ ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި ފްލެޓުތަކާއި ގުޅޭ ގޮތުންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރަށް ވަޑައިނުގެންނެވުނީ ކުއްލި އަކަށް ދިމާވި އާއިލީ ކަމަކާއި ގުޅިގެން ކަމަށެވެ. އަދި ދެން އެންމެ އަވަހަކަށް އެ ސުވާލު އެޖެންޑާ ކުރެވެން އޮތް ދުވަހެއްގައި ވަޑައިގަންނަވާނެ ކަމަށް މިއަދު އަންގަވާފައިވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މިނިސްޓަރާ ކުރައްވާ ސުވާލު:
ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯ؟ ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާއި ހަވާލު ކުރެވޭނީ ކިހާ ހިސާބަކުންތޯ؟ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފްލެޓް ކާމިޔާބުވީ ފަރާތްތަކަށް އެ ފްލެޓްތައް ހަވާލުކުރެވޭނީ ކޮންއިރަކުންތޯ؟
ދާދިފަހުން މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު ވަނީ ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ "ފްލެޓް ލިސްޓް" ބާތިލު ނުކުރައްވާނެ ކަމަށާއި ނަމަވެސް ފްލެޓު ލިސްޓު ރީއިވެލިއުއޭޓް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކުއޮފީހަށްދެވުނު
އިއްބެ