ކުރިއަށް އޮތް އެމްޑީޕީގެ އިންތިހާބުތަކުގައި ގިނަ މީހުން ވޯޓުލާން ނުކުންނާނެ ވަރަށް އެމްޑީޕީއަށް އިތުބާރު ހޯއްދަވައި ދެއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑުވި މާލެ ދާއިރާގެ ރައީސްކަމުގެ ގޮނޑި އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މާލޭގެ 17 ދާއިރާގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން ދެ ފޮށްޓެއް ފިޔަވައި، ހުރިހާ ފޮށިތަކެއް ކާމިޔާބު ކުރެެއްވީ އާޒިމެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހާ ވާދަކުރައްވައި، އާޒިމް އިންތިހާބު ކާމިޔާބު ކުރެއްވީ 1،079 ވޯޓާ އެކު، 70 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. މާލެ ދާއިރާގެ އިންތިހާބުގައި 1576 މީހުން ވޯޓުލިއެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިންތިހާބުތަކަށް ޕާޓީގެ މެމްބަރުން ނުކުންނަވަރަށް އަޅުގަނޑުމެން މަސައްކަތްކޮށްދޭނަން. އެ އިތުބާރު އަޅުގަނޑުމެން ހޯދައިދޭނަން
އާދަމް އާޒިމް، މާލޭގެ މޭޔަރު

އިންތިހާބުގެ ކާމިޔާބީއަށްފަހު ތާޖުއްދީން ސްކޫލުގައި ހުންނަވައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލަކީ އެމްޑީޕީ ކަމަށާއި ޒުވާނުން ލޯބިވާ ޕާޓީއަކަށް އެމްޑީޕީ ހެދުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދަފްތަރަކީ އަޅުގަނޑުމެން ދުވަސްވީ މީހުންނާއެއްކޮށް، ޒުވާނުން ވެސް ހިމެނޭ ދަފްތަރަކަށް ހެދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް. ޒުވާނުން ލޯބިވާ ޕާޓީއަކަށް ހެދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް. ހުރިހާ އެންމެން ވެސް ގަބޫލުކުރަން ވީ ރާއްޖޭގެ މުސްތަގުބަލަކީ އެމްޑީޕީކަން،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެ ދާއިރާގެ އެމްޑީޕީ ގުނަވަނަކީ މުޅި ރާއްޖޭގައި ވެސް އެންމެ ހިންގުންތެރި ގުނަވަނަކަށް ހައްދަވާނެ ކަމަށެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މާލެ ސިޓީގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ނުކުން އަދަދު މަދެވެ. އެކަމާ ގުޅޭ ގޮތުން "ހަތާވީސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ ޕާޓީގެ އާންމު މެމްބަރުން އިންތިހާބު ކުރާ މީހުން ޕާޓީ އާއި ގައުމު ކުރިއެރުވުމަށް އާ ހިތްވަރެއް ލާފައި މަސައްކަތްކޮށް ކުރާކަމުގައި ވަންޏާމު "ޓާންއައުޓް" ރަނގަޅުވާނެ ކަމަށެވެ.

"މިއަށް ވުރެ ބޮޑުތަނުން ބޮޑުތަނުން މީހުން ނުކުމެ، އެ މީހުން ބޭނުންވާ މީހުން އިންތިހާބު ކުރާނެކަން އަޅުގަނޑު ޝައްކެތް ނުކުރަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ އިންތިހާބުތަކަށް ޕާޓީގެ މެމްބަރުން ނުކުންނަވަރަށް އަޅުގަނޑުމެން މަސައްކަތްކޮށްދޭނަން. އެ އިތުބާރު އަޅުގަނޑުމެން ހޯދައިދޭނަން އިރާދަކުރެއްވިއްޔާ،" އާޒިމް ވިދާޅުވިއެވެ.