ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު, އެ ސަރަހައްދުން ފިލައިގެން ދިޔައީ މެޔަށް ތަދުވާތީ ކަމަށް އެކްސިޑެންޓްވި ކާރު ދުއްވި މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.

ހުޅުމާލޭގެ ވިނަރެސް ފްލެޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ, މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ހުރި މީހެއްގެ ގައިގައި ޖެހި, ބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބުނެވެ. އެ މައްސަލާގައި ތިން މީހަކު ހައްޔަރުކުރި އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން

އެއީ އެވަގުތު ކާރުގައި ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލެވެ. އޭގެ ތެރެއިން ކާރު ދުއްވީ އިކްރާމެވެ.

އޭގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމް ބަންދުކުރަން ފުލުހުން ކޯޓުގައި އެދުމުން, އިކްރާމް ބުނިގޮތުގައި އެކްސިޑެންޓަށްފަހު ސީނުން ދިޔައީ އޭނާގެ މެޔަށް ތަދުވާތީ ކަމަށާއި އަދިވެސް ތަދުވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އިކްރާމުއްރަހްމާން ބުނީ އެތަނުން ދިޔައީ ފުލުހުންގެ ގާތުގައި ބުނެފައި ކަަމަށެވެ. ނަމަވެސް ފުލުހުން އެކަމަށް އިންކާރުކުރި އެވެ.

އެ ދެ މީހުން ބުނެފައިވަނީ އެ މީހުންގެ ދަރިން ތިބޭތީ ބަންދަށް ލުޔެއް ދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް އެ މީހުން އެކްސިޑެންޓަށްފަހު ސީނުން ފިލައިގެން ގޮސްފައިވާތީ ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދު ކުރުމަށެވެ.

އަނިޔާލިބުނު މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

އެ މައްސަލާގައި ހައްޔަރުކުރި ޖިނާހްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ހުޅުމާލޭ ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.