ހަރަދު ކުޑަކުރުމަށް ބައި-އިލެކްޝަންތައް ބޭއްވުން މަދުކުރުމުގެ ބަދަލުގައި އެފަދަ ކުދި އިންތިހާބުތައް އީ-ވޯޓިން މެދުވެރިކޮށް ބޭއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މާއްޓޭ) ގޮވާލައްވައިފިއެވެ.

ކޮންމެ ހަ މަހަކުން، އެއް ފަހަރު ބައި އިލެކްޝަންތައް ބޭއްވުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ އިންތިހާބުތަކުގައި ވޯޓުލާ އާބާދީ މަދުވަމުންދާ ކަމަށާއި ހާއްސަކޮށް، ޒުވާނުން ވޯޓުލުން މަދުވަމުންދާ ކަމަށެވެ.

ރާއްޖޭގައި ވޯޓުލަނީ ވޯޓު ފޮށި ބަހައްޓައިގެން، ވަރަށް ހަރަދު ބޮޑު ނިޒާމަކުން ކަމަށާއި އޭގެ ބަދަލުގައި ޓެކްނޮލޮޖީއާ ރަށްޓެހި ގޮތަކަށް އީ-ވޯޓިން ރާއްޖެއަށް ތައާރަފް ކުރަންޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ. ބައި-އިލެކްޝަންތަކަކީ އީ-ވޯޓިން މެދުވެރިކޮށް ފަށަށް ރަނގަޅު ކަމެއް ކަމަށާއި އެއީ ގިނަ ގައުމުތަކުގައި ޕްރެޓިސް ކުރަމުންދާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކިން ހާއްސަކޮށް ޒުވާނުންނަށް މި ވޯޓުލުމުގެ ޕްރޮސެސްގެ މުހިއްމުކަމާއި ވޯޓުލުމުގައި ބައިވެރިވުމުގެ މުހިއްމުކަން ފޯރުކޮށްދިނުމަށްޓަކާ ވެސް އަޅުގަނޑުމެން މި ޖެހެނީ އީ-ވޯޓިންއަށް ދާށޭ. ހާއްސަކޮށް މިކަހަލަ ބައި އިލެކްޝަންތަކުގައި. އީވޯޓިންގެ ނިޒާމު ތައާރަފްކުރެވޭނެ ގޮތަށް ކޮމެޓީ މަރުހަލާގައި މި ބިލު އިސްލާހު ގެނެސް، މި ބިލުގެ މަރުހަލާ ކުރިއަށް ގެންދަން ފެންނާތީ އެ ވާހަކަ ދަންނަވާލީ،" މައުރޫފް ވިދާޅުވިއެވެ.

ހަރަދު ބޮޑުވެގެން އިލެކްޝަންސްތައް ނުބޭއްވުން އެއީ މި 21 ވަނަ ގަރުނުގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ހަރަދު ކުޑަކުރުމަށް އޮތް އެންމެ ފުރަތަމަ ކަމަކީ މި ޑިމޮކްރަޓިކް ޕްރޮސެސް، މަޑުޖައްސާލުން ކަމަށް ދެއްކުން އަދި ކައުންސިލްތަކާއި ސަރުކާރު ދިމާކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރާ ވާހަކަ ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ނުބޭއްވުމާއި މި ވާހަކަ ދެއްކުމަކީ އަޅުގަނޑުމެންނަށް އެނގޭ ޕީއެންސީއަށް އެހާ ފަރިތަ ނިޒާމެއް ނޫންކަން،" މައުރޫފް ވިދާޅުވިއެވެ.

ހަރަދު ކުޑަކުރަން ބައި-އިލެކްޝަންތައް ބޭއްވުން މަދުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފައިވާތީ، މައުރޫފް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. މައުރޫފް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެމްބަރުން މި ދުވަސްވަރު ހަރަދު ކުޑަކުރުމަށް މިކަހަލަ ވާހަކަ ދައްކާނެ ކަމަށާއި އެފަދަ ވާހަކަ ދައްކަނީ މަގާމުގެ ދިފާއުގައި ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ތިއްބެވި ބޭފުޅުންގެ ނާގާބިލުކަމަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ހިންގުމަށް އޮތް ހުރަހަކަށް ހައްދަވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފްގެ ވާހަކަތަކަށް ރައްދު ދެއްވައި ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވީ އީ-ވޯޓިންއަށް ވުރެ ވޯޓު ފޮށްޓަށް ދިވެހިން ކުރާ އިތުބާރު ބޮޑު ކަމަށެވެ.

"އާދެ ރައްޔިތުން ވޯޓު ފޮށްޓަށް ކުރާ އިތުބާރު ބޮޑު، އީ-ވޯޓިންއަށް ވުރެ. އެއީ އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތެއް. އަދި ދިވެހި ރައްޔިތުންގެ އިތުބާރު އޮތީ ވޯޓު ފޮށްޓަށް،" އަނާރާ ވިދާޅުވިއެވެ.