ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ 4،000 ފްލެޓަށް ކުރިމަތިލި ހުރިހާ އެންމެންގެ ފޯމުތައް އަލުން ބަލައި، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އޮކްޓޯބަރު މަހު އާންމު ކުރައްވާނެ ކަމަށް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓަށް ކުރިމަތިލި 20،400 ވުރެ ގިނަ މީހުންގެ ފޯމު މިނިސްޓްރީން ބަލަމުންދާ ކަމަށާއި އެންމެންގެ ފޯމުތައް ބަލުމަށްފަހު އޮކްޓޫބަރު މަހު ދާއިމީ ލިސްޓު އާންމު ކުރައްވާނެ ކަމަށެވެ.

"އެއީ އެޕްލައި ކުރި ހުރިހާ ފަރާތެއް. އެ ފަރާތްތައް ބަލައިގެން. އެ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ޕޮއިންޓް ލިބި، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުން ފެށިގެން ގޮސް 4،000 ފްލެޓް ލިބޭ ފަރާތްތައް ހަމަކުރާނީ،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓަށް ފްލެޓް ދިނުން ބާތިލު ކުރީ 4،048 މީހެއްގެ ފޯމަށް ބެއްލުމަށްފަހުގައި ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

ކުރީގެ ފްލެޓް ލިސްޓަށް ފްލެޓް ދިނުން ހުއްޓުވާލީ ފްލެޓް ލިބުނު ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ ބައެއް ކަމަށް އޭސީސީން ބުނުމުންނެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 32 ޓަވަރުގެ ތެރެއިން، ހަ ޓަވަރު މި އަހަރުގެ އޮކްޓޫބަރު މަހު ނިމޭނެ ކަމަށާއި އެހާތަނަށް ދާއިމީ ލިސްޓު އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށާއި އެކަން ކުރާނީ ލިބެންހުރި ރަސްމީ ލިޔެކިޔުންތަކުން ކަމަށެވެ. އަދި ވިދާޅުވީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައި ތިބި، ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތަށް ފްލެޓް ލިސްޓު ރީ-އިވެލިއުއޭޓް ކުރާނީ މިނިސްޓްރީގެ ތެރެއިން ޓީމެއް އެކުލަވާލައިގެން ކަމަށެވެ.