ސަރުކާރުގެ އެކި އިދާރާތަކުން މައުލޫމާތު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އާރްޓީއައި ތަކަށް ޖަވާބުދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވާ އެންމެ އާރްޓީއައި އަކަށް ވެސް ޖަވާބު ނުދީ ނޯންނާނެ ކަމަށެވެ.

"މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުން. ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގައި ރައީސް އޮފީސް ވެސް ހިމެނޭހެން. ނޯންނާނެ އެންމެ އާރްޓީއައި އެއްވެސް ޖަވާބު ނުދީ. ހުރިހާ އާރްޓީއައި އަކަށް ޖަވާބުދީފިން،" ދައުލަތުގެ އިއްޒަތްތެރިންނާއި ދައުވަތު ދެއްވައިގެން ވަޑައިގެން ތިއްބެވި ބޭފުުރުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސުވާލުތަކަށް ޖަވާބުދޭން މި ސަރުކާރުން ޖެހިލުން ނުވާ ކަމަށާއި ބިރެއް ވެސް ނުގަންނަ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވިޔަސް ބައެއް އިދާރާތަކަށް އާރްޓީއައި ހުށަހެޅި ބައެއް ފަރާތްތަކުން ވަނީ ޖަވާބު ލިބިފައިނުވާކަން "ހަތާވީސް"އާ ހިއްސާކޮށްފައެވެ.

އެގޮތުން ރައީސް އޮފީހަށް ފޮނުވާފައިވާ ގިނަ އާރްޓީއައި ތަކަކަށް ޖަވާބުދޭންޖެހޭ މުއްދަތު ފަހަނައަޅައިދިޔަތާ އެތަކެއް ދުވަހެއް ފަހުން މިއަދު ކުއްލި އަކަށް ކޮޕީ ޕޭސްޓްކޮށްފައިވާ އެއް ޖަވާބެއް ހިމެނުމަށްފަހު ބަރިބަރިއަށް ޖަވާބު ފޮނުވާފައިވެއެވެ. އެކަމަކު ޖަވާބު ނުދޭ ބައެއް އާރްޓީއައިތައް ވެސް ހުއްޓެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ރައީސްގެ ސްޕީޗްގައި އެހެން ލިޔަންވެގެން ނަމެއްގަ ހުރިހާ އާރްޓީއައިތަކަށް ޖަވާބުދޭން ވެގެން އިއްޔެ ކުރި ކަމެއް އެއީ. މިހުރީ ހެއްކާއެކު ޖަވާބު ނުދޭ އާރްޓީއައިތައް،" ރައީސް އޮފީހަށް އާރްޓީއައި ހުށަހެޅި މީހަކު ކިޔައިދިނެވެ.

މި ސަރުކާރުން މައުލޫމާތު ހިއްސާކުރަން ބިރު ނުގަންނަ ކަމަށް ރައީސް ވިދާޅުވިއިރު، އެޑިއުކޭޝަން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އެ މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ. އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދަން ހުށަހެޅި އާރްޓީއައިތަކަށް ދީފައިވާ ޖަވާބުގައި ވަނީ ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭތީ، ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

މައުލޫމާތު ހޯދަން ހުށަހަޅާ އާރްޓީއައިތަކަށް މި ސަރުކާރުން ޖަވާބު ދީފައިނުވާތީ ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން ހުށަހެޅި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލާފައެވެ.