ޅ. ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރަކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ، އޭނާ ސްކޫލުން ނެރުމަށް ގޮވާލައި، ބެލެނެވެރިންތަކެއް މިއަދު މުޒާހަރާކޮށްފިއެވެ.

ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ ޓީޗަރު ކިޔަވަދެމުންދަނީ ގްރޭޑް 1 އަދި 2ގެ ދަރިވަރުންނަށެވެ.

"ހަތާވީސް އޮންލައިން"އާ ވާހަކަ ދެއްކި ނައިފަރު ބެލެނެވެރިއަކު ބުނީ އިސްލާމް ޓީޗަރު ފަޅު ގެއެއްގެ ތެރޭގައި އަންހެނަކާ ޖިންސީ އަމަލު ހިންގަނިކޮށް، ފަޅާ އަރާފައިވާ ކަމަށާއި އެފަދަ ހުތުރު އަމަލު ހިންގި މީހަކު ކުޑަކުދިންނަށް ކިޔަވަދޭން ބޭނުން ނުވާ ކަމަށެވެ.

އަޅުގަނޑުމެން ބޭނުމެއް ނޫނޭ، އެކަހަލަ ޓީޗަރެއް އަޅުގަނޑުމެން ދަރިވަރުންނަށް އިސްލާމް ކިޔަވަދޭން އަންނާކަށް. އެކަމާ ގުޅިގެން އިހްތިޖާޖު މި ކުރަނީ
މަދްރަސަތުލް އިފްތިތާހުގެ ބެލެނެވެރިއެއް

އިހްތިޖާޖުގައި ހުރެ ފޯނުން ދިން އިންޓަވިއުއެއްގައި ބެލެނެވެރިޔާ ބުނީ މުޒާހަރާއަށް ނުކުންނަން ޖެހުނީ އެ ޓީޗަރުގެ މައްސަލަ މަދްރަސަތުލް އިފްތިތާހަށާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިތުރުން ފުލުހުންނަށް ހުށަހަޅުމުން، އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަމަށެވެ.

ޅ. ނައިފަރު ބެލެނެވެރިން ސްކޫލް ދޮށުގައި މުޒާހަރާ ކުރަނީ: މުޒާހަރާ ކުރީ އިސްލާމް ޓީޗަރު ސްކޫލުން ބޭރުކުރުމަށް-- ފޮޓޯ/ ކިޔުންތެރިއެއް

މަދްރަސަތުލް އިފްތިތާހުގެ ޕްރިންސިޕަލް އައިޝަތު ފަރުހަތު "ހަތާވީސް"އަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެއީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރުމުން ފަރުހަތު ވިދާޅުވީ ސުވާލުތައް ލިޔުމުން ފޮނުވުން ޖަވާބު ދެއްވާނެ ކަމަށެވެ.

"ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި ބެލެނެވެރިން އިހްތިޖާޖު ކުރަން ފެށުމުން، އެ ޓީޗަރު ސްކޫލުގެ ވަލު ދޮރޯށިން ނެރެގެން ވަނީ ގެންގޮސްފައެވެ.

ޅ. ނައިފަރު ބެލެނެވެރިން ސްކޫލް ދޮށުގައި މުޒާހަރާ ކުރަނީ: މުޒާހަރާ ކުރީ އިސްލާމް ޓީޗަރު ސްކޫލުން ބޭރުކުރުމަށް-- ފޮޓޯ/ ކިޔުންތެރިއެއް

ނައިފަރު ބެލެނެވެރިން މިއަދު އިހްތިޖާޖު ކުރީ މަދްރަސަތުލް އިފްތިތާހުގެ ކައިރީގަ އާއި އެ ރަށުގައި ހުންނަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އޮފީހެއް ކުރިމަތީގައެވެ.

ބެލެނެވެރިން ބުނީ އެ އިސްލާމް ޓީޗަރަކީ މީގެ ކުރިން ވެސް ޖިންސީ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އޮރިޔާން ކާޑުގެ މައްސަލައެއްގައި އެ ޓީޗަރު ސްކޫލުން ސަސްޕެންޑްކުރި ކަމަށް ވެސް ބެލެނެވެރިން ބުންޏެވެ.