ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައި އިއްޔެގެ ވަގުތެއްގައެވެ. ހަސަން ލަތީފްގެ އިތުރުން އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބައްދަލުވުމަކީ ރައީސް އޮފީހުގެ އެދުމަކަށް ކުރިޔަށް ދިޔަ ބައްދަލުވުމެކެވެ.

އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެން ދިޔައީ ގާނޫނުއަސާސީ އަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ މަޝްވަރާތަކެވެ.

ޑިމޮކްރެޓްސް އިން ބުނީ ގާނޫނުއަސާސީ އަށް ގެންނަން ނިންމާފައިވާ އިސްލާހުތަކަކީ އެޕާޓީން އެކަމަށް މަރުހަބާ ކިޔާ ތާއީދު ކުރާ ކަންކަން ކަމަށެވެ. އަދި އެކަމުގައި ސަރުކާރަށް އެޕާޓީގެ ފަރާތުން އެއްބާރުލުން ވެސް ލިބިގެން ދާނެ ކަމަށެވެ. އަދި ހަމައެއާއެކު އެޕާޓީގެ އެއްބާރުލުން އިގްތިސޯދީ ކަންކަމުގައި ވެސް ލިބިގެން ދާނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ރައީސް މުއިއްޒާ ޑިމޮކްރެޓްސް އިން ވަނީ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

މީގެކުރިން ވެސް ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވަނީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް ވިދާޅުވެފައެވެ. ބައިވެރިވުން ކަމަށް ވިދާޅުވީ ސަރުކާރުން ހިންގުމުގަ އާއި އަދި މަގާމުތަކުގައި ޑިމޮކްރެޓްސްގެ ބޭފުޅުން ތިބުން ކަމަށް ހަސަން ވަނީ މީގެކުރިން ވިދާޅުވެފައެވެ.