އަނިޔާވެރި ޔަހޫދީ ދައުލަތް، އިޒުރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި އެ ބިންތަކުން ޒަޔަނިސްޓް ދައުލަތުން ފޭބުމަށް އދ.ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ރައުޔު ނެރެފިއެވެ.

އައިސީޖޭގެ ތާރީހީ އެ ނިންމުމަކީ އިޒުރޭލުން 1967 އަހަރު ފަލަސްތީނަށް ވެރިވެގަނެ، ހިންގާ އުދުވާނީ އަމަލުތަކާ ދެކޮޅަށް ބައިނަލް އަގުވާމީ މަތީ ކޯޓުން ފުރަތަމަ ފަހަރަށް ނިންމި ނިންމުމެކެވެ. މިއީ 57 އަހަރު ވަންދެން ފަލަސްތީނު ރައްޔިތުން ކުރަމުން ގެންދިޔަ ވަކާލާތަށް ބާރުދީ ކޯޓަކުން ކުރި ފުރަތަމަ ހުކުމެވެ.

އައިސީޖޭގެ ރައުޔުގައި ބުނެފައި ވަނީ އިޒުރޭލުން ހިފާފައިވާ ބިންތަކުގައި ޔަހޫދީ އާބާދީތައް ވަޒަންވެރި ކުރުވުމަކީ "ޣައިރު ގާނޫނީ" ކަމެއް ކަމަށާއި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިސްރާއީލުގެ އާބާދީތައް ބިނާކޮށް ފުޅާކުރުމާއި ބިންތަކުގެ މައްޗަށް ދާއިމީ ކޮންޓްރޯލް ހިފެހެއްޓުން ހުއްޓާލުމަށެވެ. އަދި ފަލަސްތީނުގެ މީހަކަށްވީތީ، ޒަމާންތަކެއް ވަންދެން ހައްގުތައް ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެ ރައުޔުގައި ގޮވާލާފައިވެއެވެ.

އެކި ގައުމުތަކުގެ 15 ފަނޑިޔާރަކު ހިމެނޭ ބެންޗުން ނެރުނު ރައުޔުގައި ބުނެފައި ވަނީ ފަލަސްތީނުގައި އިޒުރޭލުން ހިންގާ އަމަލުތައް ވަގުތުން، ވަގުތަށް ހުއްޓާލުމަށެވެ.

އައިސީޖޭގެ މި ނިންމުމަކީ "ނޮން-ބައިޑިން" ނިންމުމެވެ. އަމަލު ކުރުން ލާޒިމުނުވިޔަސް، އެ ރައުޔު ބަލައިގަނެ، ބޯލަނބަޖެހޭނެއެވެ. މި ނިންމުމަކީ އިޒުރޭލަށް ސިހުން ގެނުވި، އަދި ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

އައިސީޖޭއިން ބުނީ އިޒްރޭލުން އިރުމަތީ ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަކީ ބައިނަލްއަޣްވާމީ އެތަކެއް ޤާނޫނުތަކާ އަދި އެއްބަސްވުންތަކާ ޚިލާފަށް ފަލަސްޠީނުގެ ހިފާފައިވާ ބިންތައް އެއްކޮށްލުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއް ކަމަށެވެ. ފަލަސްތީނުން ހިފާފައިވާ ބިންތަކުގައިވާ ގުދުރަތީ ރިސޯސަސް އަދި ދަނޑުވެރިކަމުގެ މަންފާ އިޒްރޭލުން ހޯދާ ހޯދުމަކީ ވެސް ޣައިރުޤާނޫނީ އަމަލެއް ކަމަށް އައިސީޖޭއިން ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން، އިޒުރޭލުން ގައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އައިސީޖޭގައި ކުރިއަށްދެއެވެ.

އިޒުރޭލާ ދެކޮޅަށް އައިސީޖޭއަށް ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލާގައި 49 ގައުމަކާއި ބައިނަލްއަގްވާމީ ތިން ޖަމިއްޔާއަކުން ތަދައްހުލްވެފައިވެއެވެ.