ޑްރަޑްގެ މައްސަލައާއި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ގޭންގު ހަދައިގެން ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ހައްލުވެއްޖެނަމަ، ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި"ގެ ދެ ވަނަ ފިޔަވަހި އިފުތިތާހު ކުރުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޑްރަގާއި ބިދޭސީންނާއި ގޭންގުތަކުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުތަކާއި އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަދި ކަމާބެހޭ ފަރާތްތައް ވެސް ގުޅިގެން މަސައްކަތްކޮށް އެ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

ހޯމް ލޭންޑް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ: ކައުންސިލްތަކުގެ ހަރަދު ކުޑަކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތު ތަކުރާރު ކުރެއްވި-- ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް މަގުފަހިކުރެއްވުމުގެ ގޮތުން ސަރުކާރުން އިޢުލާންކުރައްވާފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޚަރަދުކުޑަކޮށް އެންމެ ރަނގަޅަށް ޚިދުމަތްދިނުމަށްޓަކައި ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދަށް ގެންނަވަން އެދިވަޑައިގަންނަވާ ބަދަލާ ގުޅޭ ގޮތުން އެމަނިކުފާނުގެ ބައެއް ވިސްނުންފުޅުތައް ވެސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެކަންކަން ނިންމަވާނީ ކަމާގުޅޭ ފަންނީފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވި އަދި ކަމާގުޅޭ ދިރާސާތަކަށްފަހުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ޢަޒުމަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރެދެއްވުން ކަމަށެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނާރެސް ޕޯޓަލް، އިފުތިތާޙް ކޮށްދެއްވާފައެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުން ވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ދެ ވަނަ ފިޔަވަހި ވެސް ރައީސް ރޭ ތައާރަފް ކުރެއްވި ތަޢާރުފުކުރެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ޚިދުމަތަކީވެސް ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ހުރިހާ ރަށެއް ޝާމިލުވާ ދެ ޚިދުމަތްކަން ފާހަގަކުރައްވާފައެވެ.

ހޯމް ލޭންޑް މިނިސްޓްރީ އާއި ލޯކަލް ގަވަރންމަންޓް މިނިސްޓްރީއާދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން: މަގުސަދަކީ ކައުންސިލުތަކާ ގުޅިގެން ކުށްމަދުކުރުން-- ފޮޓޯ/ ރައީސް އޮފީސް

މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ދެމެދު، ގާނޫނު ތަންފީޒުކުރުމާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ކައުންސިލުތަކާ ގުޅިގެން ރަށްރަށުގައި ޚާއްސަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކުރުން އޮތެވެ. އަދި ރައީސް "ހޯމް ޓީމަށް" ދެއްވާފައިވާ އަމާޒު މި ރަސްމިއްޔާތުގައި އިފުތިތާހު ކުރިއެވެ.

ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި އަދި ސަރުކާރުގެ އެކި އިދާރާތަކުން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.