ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ މަންމާފުޅު، މޫމިނާ ހުސައިންފުޅުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެންމެ ބޮޑު ފިލާވަޅަކީ ކެއްތެރިކަމާއި ޝަކުވާ ނުކުރުމާއި ކޮންމެ ހާލެއްގައި ވެސް ދަރިން ހިމާޔަތް ކުރުންކަމުގައި ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު (ފަޒޫ) ވިދާޅުވެއްޖެއެވެ.
ފަޒޫ އެހެން ވިދާޅުވީ އުމުރުފުޅުން 80 އަހަރުގައި މޫމިނާ ހުސައިންފުޅު އިއްޔެ އަވަހާރަވުމުން، އެކަމަނާގެ ޖަނާޒާގެ ކަންކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށް، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޫމިނާއަކީ އަގުހުރި ހިދުމަތްތެރި ދަރިންތަކެއް ތަރުބިއްޔަތު ކުރެއްވި މަންމައެކެއެވެ. ރައީސް ސާލިހާއި ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ ޕާސަނަލް ސެކްރެޓަރީކަން ކުރިން ކުރެއްވި ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ)އަކީ ވެސް އެކަމަނާގެ ދަރިކަނބަލެކެވެ.
މޫމިނާއާ އެކު، ނަންގަވާފައިވާ އާއިލީ ފޮޓޯތައް ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓުގައި ފަޒްނާ އެންމެ ފުރަތަމަ ކުރެއްވީ ސުވާލެކެވެ.
ފަޒްނާ ވިދާޅުވީ އިއްޔެ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވީ ޤައުމީ ޙިދުމަތްތެރިއެއް ކަމަށާއި އެކަމަނާގެ ދަރިންގެ ޅަ އުމުރުގައި ފިރިކަލުން ނިޔާވެ، ހުވަފަތްވެލެއްވި ކަމަށާއި 13 ކުދިން ބަލައި ބޮޑުކުރެއްވީ އެ ކުދިންގެ ބައްޕައާ ނުލައި ކަމަށެވެ.
"އެއީ އަޅުގަނޑު ގެ އަޚުންނާ އުޚުތުންނާ ފިރިކަލުންގެ މަންމައެވެ. ދަރިންގެ މާމައެވެ. އަޅުގަނޑުގެ މައިން ބަފައިންގެ ވަރަށް ގާތް އެކުވެރިއެކެވެ. އާއިލާ މީހުންގެ ދައިތަ އަދި ދޮންދައިތައެވެ،" ފަޒޫ ވިދާޅުވިއެވެ.
ރައީސް ސާލިހުގެ އާއިލީ ގެކޮޅު، ޅ. ހިންނަވަރު، ނޫރާނީއާގެ ކައިރީގައި ހުންނަ ބޮޑު ހިރުނދުގަހަސް ދޮށަށް ޖަމާވާ މީހުންގެ ނަމުންނަމަ "މޫމިނާ ދައިތަ"ގެ ހެޔޮ ވާހަކަ ކިޔައިދެއްވަމުން ފަޒްނާ ލިޔުއްވާފައި ވަނީ ރަށަށް އަރާ ފައިބާ އެންމެންގެހެން ކެއުންބުއިމުގެ އިންތިޒާމް ނޫރާނީއާގެއިން ހަމަޖައްސަވަނީ މޫމިނާ ކަމށެވެ.
"އިއްޔެ އެ މައްޔިތާ ގެ މޫނު ދެކިލުމަށާއި ޖަނާޒާގައި ބައިވެރިވި ގިނަ މީހުންނާއި މީހުންގެ އަދަދުން އެތަން ފެނިގެން ދިޔައެވެ،" ކުރު އިބާރާތްތަކުން، ފަށުވިކޮށް ފަޒްނާ ލިޔުއްވާފައިވެއެވެ. "އިބޫ މަންމަ ގެ ފަރާތުން އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ކެއްތެރިކަމާ ޝަކުވާ ނުކުރުމާ ކޮންމެ ހާލެއްގައިވެސް ދަރިން ހިމާޔަތް ކުރުމެވެ."
ޖަނާޒާގެ ކަންކަމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން ފަޒްނާ ވިދާޅުވީއާއިލާއަށް ލިބުނު ފުންހިތާމައާ ގުޅިގެން ތައުޒިޔާ ވިދާޅުވި ފަރާތްތަކާ، މައްޔިތާގެ މޫނުދެކުމަށް ވަޑައިގެންނެވި ފަރާތްތަކާާ ޖަނާޒާގައި ބައިވެރިވެ ވަޑައިގެން ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ސަރުކާރަށާއި ޖަނާޒާ ގެ ކަންކަން ވަރަށް ގާތުން ބެއްލެވި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އިސްލަމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއިއެމަނިކުފާނުގެ އަބިކަބަލުން ޚާއްސަ ގޮތެއްގައި ފަޒްނާ ފާހަގަ ކުރެއްވިއެވެ.
"އިސްލާމީ މަރުކަޒާއި މާލޭ ސިޓީ ކައުސިލްގެ މަސައްކަތު މީހުންނަށްވެސް ވަރަށް ވަރަށް ޚާޢްސަ ޝުކުރެއް ދަންނަވަމެވެ،" ފަޒްނާގެ ޝުކުރުގެ އިބާރާތް ނިންމާލަމުން ލިޔުއްވާފައިވެއެވެ. "މަރުޙޫމާ ގެ ފާފަތައް ފުއްސަވައި، ހެޔޮރަހުމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވާށިއެވެ. އަދި އާއިލާގެ އެންމެނަށް ކެތްތެރިކަންދެއްވާށިއެވެ،"
މޫމިނާ އަވަހާރަވީ އިއްޔެ ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ. އެކަމަނާގެ ކަށުނަމާދު އޮތީ އިސްލާމީ މަރުކަޒުގައި އިއްޔެ މަޣްރިބު ނަމާދަށްފަހުގައެވެ. އިމާމުވެ، ކަށުނަމާދު ކުރެއްވީ މޫމިނާގެ ލޯފަން ދަރިކަލުން މޫސާ މުހައްމަދު ސޯލިހް (މޫސަބެ)އެވެ.