ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅުގެ 12 ދަރިން ތިއްބަވައެވެ. މީގެ ތެރެއިން ލޯފަން، ތިން ހާފިޒުން ތިއްބަވައެވެ. އެއީ މޫސާ މުހައްމަދު ސޯލިހް (މޫސަބެ)، އާއި ޝާޒްލީގެ އިތުރުން ހުސެއިން ޝަޔާޒެވެ.

އިއްޔެ ހެނދުނު އެ ތިން ހާފިޒުންގެ މަންމާފުޅު އަވަހާރަވުމުން، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮތީ މަޣްރިބް ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައެވެ.

މަންމާފުޅުގެ ކަށުނަމާދު އިމާމުވެ، ކުރެއްވީ ގުރުއާން ހިތުދަސްކޮށް، އިމާމު ކަމުގެ ޑިގްރީ އާއި ގާރީ ކޯސް ފުރިހަމަކޮށް ކުރައްވާފައިވާ މޫސަބެއެވެ. ހިންނަވަރު ބޮޑު މިސްކިތުގެ އިމާމުކަން ވެސް ކުރައްވާ މޫސަބެ، އިމާމެއްގެ ގޮތުގައި އިސްލާމީ މަރުކަޒުގައި ކަށުނަމާދު ކުރެއްވުމަށް ހަވާލު ކުރެއްވީ އިސްލާމީ މަރްކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފެވެ. މަންމާފުޅުގެ ސަންދޯކުގެ ކުރިމަތީގައި، ގިބުލައަށް ސީދަލަށް ހުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިރުޝާދު ދެއްވާ މަންޒަރު "ހަތާވީސް އޮންލައިން" އިން ނަގާފައިވާ ފޮޓޯތަކުން ފެންނާނެއެވެ.

ޖުލައި 18، 2024: ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅު އަވަހާރަވުމުން، އިސްލާމީ މަރުކަޒުގައި އެކަމަނާގެ ޖަނާޒާ ކުރިއަށް ގެންދަނީ-- ފޮޓޯ/ ހަތާވީސް

ކަށުނަމާދު ކުރަން ފެއްޓެވުމުގެ ކުރިން، އެ ނަމާދު ކުރަންވީ ގޮތް ކުރުކޮށް ކިޔައިދެއްވީ ޝެއިހް މުޙައްމަދު ލަޠީފެވެ. އެއަށްފަހު ހުޝޫއަތްތެރިކަމާ އެކު، ކަށުނަމާދު ކުރެއްވީ މޫސަބެއެވެ.

ގިނަ ބަޔަކު ބައިވެރިވި ކަށުނަމާދުގައި ވަޒީރުންނާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިންނާއި މަޖިލިސް މެމްބަރުންނާއި ކުރީގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މޫމިނާ ހުސައިންފުޅު ފަސްދާނުލީ ގަލޮޅު ސަރަހަރާގައެވެ.

ޖުލައި 18، 2024: ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅު އަވަހާރަވުމުން، އެކަމަނާގެ މައްޗަށް އިސްލާމީ މަރުކަޒުގައި ކުރި ކަށުނަމާދު-- ފޮޓޯ/ ހަތާވީސް

މޫމިނާގެ ލޯފަން ހަތަރު ބޭފުޅުން ތިއްބަވައެވެ. ތިން ބޭފުޅަކު ގުރުއާން ހިތުދަސްކުރެއްވިއިރު، އަނެއް ބޭފުޅާއަށް ގުރުއާން ހިތުދަސް ނުކުރެވުނީ ދިމާވި ސިއްހީ މައްސަލައަކާ ހެދިއެވެ.

އެ ހަތަރު ބޭފުޅުންގެ ލޮލުގެ ފެނުން ގެއްލުނު ސަބަބާ ގުޅޭ ގޮތުން މޫސަބެ 2018 ވަނަ އަހަރު "މިހާރު" ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ ހިންނަވަރު ސްކޫލަށް ކިޔަވައި ވަޑައިގެންނެވިއިރު، ހަތަރު ބޭފުޅުންގެ ލޮލުގެ ފެނުން ރަނގަޅެެވެ.

އިބޫގެ އާއިލާގެ ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން (ކ-ވ) ޝާޒް، މޫސަބެ އަދި އަހުމަދުބެ.---ފޮޓޯ/މިހާރު

"ރަހުމަތްތެރިންނާ އެކު ރާޒުވާ އާއި ވޮލީ އާއި ފުޓްބޯޅަ ފަދަ ކުޅިވަރުތައް ވެސް ކުޅުއްވިއެވެ. އެކަމަކު ކިޔެވުން ވަކި ހިސާބަކަށް ދިއަތަނުން ހަތަރު ބޭފުޅުންނަށް ވެސް ފެނުމުގެ މައްސަލަތައް ކުރިމަތިވިއެވެ،" މިހާރު ނޫހުގައި ލިޔެފައިވެއެވެ.

"ޑޮކްޓަރުންނާ ހަވާލާދީ، އާއިލާ އިން ބުނިގޮތުގައި، އުފަންވިއިރު، އެ ހަތަރު ބޭފުޅުންގެ ލޮލުގެ ނާރުތަކުގެ ބާރު އެހެން މީހުންނަށް ވުރެ ދެރައީ އެވެ. އެހެންވެ، އުމުރު މައްޗަށް ދިޔަ ވަރަކަށް، ވަކި ހިސާބަކުން ލޮލުގެ ފެނުން ގެއްލުނީއެވެ."

ރައީސް ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު (ކ)، އޭނާގެ ލޯފަން ދަރިންކަމުގައިވާ މޫސާ މުހައްމަދު ސޯލިހު (މޫސަބެ)، އަބްދުﷲ ޝާޒްލީ (ޝާޒް) އަދި ހުސެއިން ޝަޔާޒް (ހުސެއިން)

ސާލިހުގެ އަނބިކަނބަލުން، އަދި ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވީ މޫމިނާއަކީ ޤައުމީ ޙިދުމަތްތެރިއެއް ކަމަށެވެ. ވަރަށް ޅަ އުމުރުގައި 13 ކުދިންނާއިގެން ހުވަފަތްވެލެއްވުމުންް މޫމިނާ ދަރިން ބަލައިބޮޑު ކުރެއްވީ ބައްޕައަކާ ނުލާ ކަމަށެވެ.

"އިބޫ މަންމަ ގެ ފަރާތުން އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ކެއްތެރިކަމާ ޝަކުވާ ނުކުރުމާ ކޮންމެ ހާލެއްގައިވެސް ދަރިން ހިމާޔަތް ކުރުމެވެ،" ފަޒޫ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.