މަތީ ފެންވަރަށް ކިޔަވައިގެން ތިބޭ މޮޅު މީހުންނަށް ބޮޑު މުސާރައެއް ދިވެހި ސަރުކާރުން ދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން 200 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚާއްޞަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން މިރޭ ވިދާޅުވީ އެމަނިކުފާނު ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހުރަވީ ސުކޫލުގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މަތީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން ފަހި ފުރުސަތުތަކެއް ހުޅުވައިލައްވާނެ ކަމަށާއި ދިވެހީންނަށް ޚާއްޞަ ވަޒީފާތައް ގިނަކޮށް، އަދާކުރާ ވަޒީފާއާ އެކަށީގެންވާ ރަނގަޅު މުސާރައެއް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި މިސަރުކާރުގެ ވަޢުދާ އެއްގޮތަށް ޤައުމު ބިނާކުރަން އިސްކަން ދޭ ގޮތަށް މީހުން ބިނާކުރަން ދައުލަތުގެ ބަޖެޓުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް މިރޭ އިލްތިމާސް ކުރައްވާފައި ވަނީ ނާކާމިޔާބުވާ ޙާލަތުގައިވެސް ހިތްވަރާ ޢަޒުމުގައި ދެމިހުރުމަށް ބާރުއަޅުއްވައި، ކަންކަމާ ކެރިގެން ކުރިމަތިލައި، ކަންކަން ކުރަން ނުކުމެ ހިތްވަރާއެކު ކުރިއަށްދިއުމަށެވެ.

ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި ހަފްލާގައި ރައީސް ވަނީ ވަނީ ކޮންމެ ކުއްޖަކުވެސް ޤައުމަށް ޚިދުމަތްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދިޔަނަމަވެސް އިސްލާމްދީނުގައި ހިފަހައްޓައި މައިންބަފައިންނާއި ބެލެނިވެރިން ކުދިންނަށް ތަޢުލީމު ހާސިލްކޮށްދިނުމަށްޓަކައިވާ ޤުރުބާނީ ހަނދާން ބެހެއްޓުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް މިރޭ ހާސިލުކުރި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ އިމްތިހާނުތަކުގެ ފަސް މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދާފައިވަނީ، 136 ދަރިވަރުންނެވެ. އަދި ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕް 19 ދަރިވަރުން ހާސިލުކޮށްފައިވެއެވެ. އޭގެ އިތުރުން 117 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހޯދައި ހައި އެޗީވަރސް ސްކޮލަރޝިޕް ހާސިލުކޮށްފައެވެ.