ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރު ކުރައްވައިގެން މަޖިލީހުގެ މެންބަރުން ސުވާލު ކުރައްވާއިރު ވަކި ވަގުތަކަށް ސުވާލުތައް ބައްޓަން ކޮށްގެން ކުރެއްވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެދިވަޑައިގެންފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ އަށް ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވަނީ ހާޒިރު ކުރައްވަވާފައެވެ. އެމަނިކުފާނު ހާޒިރު ކުރެއްވެވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިނިސްޓަރާ ކުރައްވާ ސުވާލަކަށެވެ. އާއްމު އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މެންބަރުން ބޭނުންވާ ސުވާލު ހުންނެވި ނަމަ ވަޒީރާ އިތުރު ސުވާލު ކުރެއްވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ސުވާލު ކުރެއްވުމަށް ފުރުސަތަކަށް އެދިވަޑައިގަތެވެ. ސުވާލު ކުރެއްވުމުގެ ކުރިން އޭނާ ދެއްކެވީ ކުރީ ސަރުކާރުގެ ވާހަކަފުޅެކެވެ. ވިދާޅުވީ އެމްޑީޕީ ސަރުކާރު އައިއިރު އެފްއޭއެމްގެ ރައީސް އާއި އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރާ ދެބޭފުޅުން އުޅުއްވީ "ހަނގުރާމައެއްގެ" ތެރޭގައި ކަމަށާއި ނަމަވެސް ފަހުން އުޅުއްވީ "ބެސްޓު ބަޑީ" ގެ ގޮތުގައި އުޅުއްވިތަން ކަމަށެވެ.
ދިވެހި ކުޅިވަރުގެ ހިތަކީ ފުޓުބޯޅަކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ފުޓުބޯޅަ ކުރިއަރުވަން އެންމެ އަހަމިއްޔަތުކަން ދެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަމަށް އޭރުގެ ވަޒީރު ވިދާޅުވި ކަމަށާއި ނަމަވެސް އެފްއޭއެމްގެ ކުނި ކޮޅު އުކާލިދިން ވެމްކޯ އަށް ދޭން ޖެހޭ ފައިސާ ވެސް އެފްއޭއެމް އިން ދީފައި ނުވާ ކަމަށެވެ.
ޝުޖާއު އަށް ސުވާލު ނުކުރެއްވެނީސް ރިޔާސަތުން ވަނީ ޝުޖާއު މައިކުގެ އަޑު ކަނޑާލައިފައެވެ. އެއާއެކު ފެނިގެން ދިޔައީ ޝުޖާއު ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން މަންޒަރެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ ކޮންމެ މެންބަރަކު ވެސް ވަޒީރުންނާ ކުރައްވަން ބޭނުންފުޅުވާ ސުވާލު 45 ސިކުންތުގެ ތެރޭގައި ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ވަގުތަކީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ވަގުތު ކަމަށެވެ. ސުވާލަށް ހުޅުވާލުމުގެ ކުރިން އެކަން އިއުލާން ވެސް ކުރައްވާފައި ވާނެކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ