މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.
އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ނިންމާ މާލިއްޔަތު ކޮމެޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް މީގެކުރިން ވަނީ ފާސްކޮށްފައެވެ. އަލީ ހާޝިމް ވަކި ކުރުމަށް ރައީސަށް ލަފާ އެެރުވުމުގެ މައްސަލަ އަށް ވޯޓު ނުދެއްވާ ހުންނެވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.
އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތުގެ ތެރޭގައި އިގްތިސޯދީ ކަންކަމުގައި ގަވަރުނަރު ސަރުކާރަށް ލަފާ ދީފައި ނުވާ ކަމަށެވެ. އަދި އެމްއެމްއޭ އިން ހަރުދަނާ މަސައްކަތްތަކެއް [އިގްތިސޯދު ރަނގަޅު ކުރުމަށް] ކޮށްފައި ނުވާ ކަމަށެވެ.
މިއަދު ރާއްޖެ އިގްތިސޯދީ ކާރިސާއަކާއި ދިމާއަށް ދާއިރު އެކަމުން ގައުމު އަރައިގަތުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭ އެއް ތަނަކީ އެމްއެމްއޭ ކަމަށްވާއިރު މަރުކަޒީ ބޭންކުގެ އެންމެ އިސް ފަރާތަށްވެ ހުންނަވާ މަސްއޫލިއްތު އެންމެ ފުރިހަމަ ގޮތުގައި އެމަނިކުފާނު އަދާ ނުކުރައްވާ ކަމަށްވެސް މައްސަލާގައިވެއެވެ.
އެ މައްސަލަ އަށް ޖަވާބުދާރީވުމުގެ ގޮތުން އަލީ ހާޝިމް އަށް ކޮމެޓީން ދެ ފަހަރެއްގެ މަތިން ދައުވަތު ދެއްވިއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އަލީ ހާޝިމް ކޮމެޓީ އަށް ހާޒިރުވެވަޑައެއް ނުގެންނެވިއެވެ. އިއްޔެވެސް އަލީ ހާޝިމް އަށް ދައުވަތު ދެއްވިއެވެ. ނަމަވެސް ކޮމެޓީ އަށް ވަޑައިނުގެންނެވޭނެކަން އެންގެވިއެވެ. އަދި އިތުރު ފުރުސަތެއް ދެއްވާ މިއަދަށް ދައުވަތު ދެއްވިއެވެ.
އެކަމަކު މިއަދުގެ ބައްދަލުވުމަށް ވެސް އަލީ ހާޝިމް ވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވަނީ އެ މައްސަލާގައި އަމަލު ކުރެވޭނެ ގޮތަކާއި މެދު ކޮމެޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ކޮމެޓީ ކުރިޔަށް ގެންދަން ފެންނަނީ ސިއްރު ކޮށްގެންތޯ އެއްސެވިއެވެ. ނަމަވެސް ކޮމެޓީގެ މެންބަރުން ނިންމީ ކޮމެޓީ ކުރިޔަށް ގެންދާނީ އާއްމުކޮށް ހުޅުވާލައިގެން ކަމަށެވެ.
އެ ފުރުސަތުގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވާހަކަދައްކަވަމުން ވިދާޅުވީ ގަވަރުނަރު އަލީ ހާޝިމަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމްއެމްއޭގެ ކަންކަމުގެ ސަބަބުން ފުލުހުންނާއި ހޯމް މިނިސްޓްރީގެ މަސައްކަތްތަކަށް ވެސް ދަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ގަވަރުނަރު އަލީ ހާޝިމް ވަނީ މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ އިގްތިސޯދީ ހާލަތާ ގުޅޭ ރިޕޯޓެއް ފޮނުއްވާފައެވެ. އެ ރިޕޯޓުގައި ގައުމު މިހާލަތަށް ދިޔައީ ފާއިތުވެދިޔަ ދެ އަހަރު ދެއްވި ލަފާތަކަށް އަމަލު ނުކުރެއްވުމުން ކަމަށް ވިދާޅުވެފައިވެއެވެ. މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ދެއްވި ލަފާތަކަށް ސަރުކާރުން އަމަލު ނުކުރުމުން އެމްއެމްއޭ އިން އެކަމާ އަޅާ ނުލާ ހުންނެވީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
އަލީ ހާޝިމް ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.