ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި އަންނަ އަހަރުން ފެށިގެން ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެހެން ވިދާޅުވީ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިސްލާމީ މަރުކަޒުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މިރޭ ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުމަކީ، އެމަނިކުފާނު އެންމެ އިސްކަން ދެއްވާނެ ޤައުމީ އެއް ވާޖިބުކަމަށާއި، އެކަމަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް އަދި އެކަމަށް ހިތްވަރުދީ މަގުކޮށައި ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތަކީ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޒުން އުފެއްދެވުމަށް ސަރުކާރުން ޚާއްޞަ ހޭދައެއްކުރެއްވުން ކަމަށާއި، އެކަމަށްޓަކައި ވަސީލަތްތައް އިތުރުކުރައްވައި ޙާފިޒުންނަށް ދެއްވާ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެއްވުންކަމުގައި ވިދާޅުވިއެވެ.
ދިވެހީންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެންވުމަކީ ދިވެހީންނަށް އެންމެ ލާބަހުރި ގޮތްކަމުގައި ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށް މަގުފަހިކޮށްދެއްވުމަށް ވެސް މި ސަރުކާރުން ސަމާލުކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކުލާސްތައް އިތުރުކުރައްވައި މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މާލީ އެހީ ތަނަވަސްކުރުމަށް "ދާރުއްސަލާމް" އާއި "ދާރުލްއަރްޤަމް"ގެ ނަމުގައި އިތުރު ދެ ވަޤްފު އިމާރާތް ބިނާ ކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވިއެވެ.
ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ކީރިތި ޤުރުއާނަށް ޚާއްޞަ ޤައުމީ ހިޔާވައްސެއް ހުރުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރައްވައި މި ސަރުކާރުގެ މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާމިނުގައި ޤުރުއާނާބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ނިޔަތާއި ޢަމަލުގެ މަސްދަރަކީ ކީރިތި ޤުރްއާންކަމުގައި ހެއްދެވުމަށް އިލްތިމާސްކުރައްވާފައެވެ.