ފުލުހުންނަށް މިދިޔަ އަހަރު ޕްރޮމޯޝަން ދީ ނިމިފައި އޮތް ނަމަވެސް އެކަން ތަންފީޒު ކުރުން މަޑުޖައްސާލަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައި ކޯޓުގައި އެދިއްޖެއެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ އެވެ.
އެ މައްސަލަ ނިމެންދެން، ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އޮތީ ނިންމައިފަ އެވެ. އޭރު އޮތީ ޕްރޮމޯޝަންތައް ދީ ނިމިފަ އެވެ.
އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭސީސީގެ ވަކީލުން ބުނީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ހުރިހާ ކަންކަން ހުއްޓުވުމަކީ އޭސީސީއަށް ގާނޫނީ ގޮތުން އޮތް ބާރެއް ކަމަށާއި އަދި ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލަން އެންގީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ފުލުހުންނަށް ޕްރޮމޯޝަންތައް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެ ދިނުމަށް އެ ކޮމިޝަންގެ ވަކީލުން ހައި ކޯޓުގައި މިއަދު އެދުނެވެ.
ދައުލަތުން ބުނީ ވަކި ކަމެއް ނުކުރަން ނުވަތަ މަޑުޖައްސާލަން އެންގުމުގެ ބާރު އޭސީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުން ވެސް ކުރިން އެގޮތަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ޕްރޮމޯޝަން ދިނުމުގެ މަސައްކަތް އޮތީ ނިމިފައިވާތީ ވަގުތީ އަމުރު ނެރުނު ނަމަވެސް ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އެގޮތަށް ވަގުތީ އަމުރު ނެރެފި ނަމަ އެންމެ ބޮޑަށް ގެއްލުން ލިބޭނީ ފުލުހުންނާއި ދައުލަތަށެވެ. އަދި އެތައް ބައެއްގެ ހައްގަށް އަސަރު ކުރާނެ ކަމަށް ބުނެ, ދައުލަތުން އެދުނީ ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓައި ދިނުމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.