ރާއްޖެ އިން ފަލަސްތީނަށް 1.29 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމީ އދ.ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި "އަންރުވާ ޕްލެޖިން ކޮންފަރެންސް"ގައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އދ. އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުއެވެ. އޭނާ ވަނީ ޔުނައިޓެޑް ނޭޝަންސް ރިލީފް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް މެދުވެރިކޮށް ރާއްޖެ އިން 1.29 މިލިއަން ޑޮލަރަށްވުރެ ބޮޑު އެހީއެއް ދޭނެ ކަމަށް ވިދާޅުވެފައެވެ.

އަލީ ނަސީރު ވަނީ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި އދ. އިން ގާއިމް ކޮށްފައިވާ ފަންޑަށް ރާއްޖެ އިން ދޭ އެހީ 50،000 ޑޮލަރަށް އިތުރު ކުރުމަށް ނިންމާފައިވާކަން ވެސް އިއުލާން ކުރައްވަވާފައެވެ. މީގެކުރިން ރާއްޖެ އިން އެފަންޑަށް ދެމުން ދިޔައީ 5،000 ޑޮލަރެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ގަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ.

މީގެއިތުރުން ސަފީރު އަލީ ނަަސީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް ކުރިޔަށް ގެންގޮސް އެ ޓެލެތޯން މެދުވެރިކޮށް 18.4 މިލިއަން ދިވެހި ރުފިޔާ އާއި، 49،800 އެމެރިކާ ޑޮލަރު ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ ފައިސާ އަންރުވާ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.