ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މަޖިލިސް އިދާރާ އިން ދޭ ރަސްމީ މުސާރައިގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންމެ މަހަކުވެސް އެ މެންބަރުންނަށް ފައިސާ ދެއްވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ދޮގު ކުރައްވައިފިއެވެ.

ފަލާހް އެކަން ދޮގު ކުރެއްވީ އެކަމާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވައެވެ. ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވަނީ އެކަން އެގޮތަށް ހިނގާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"މުލީއާގެއިން އަދި ރައީސް އޮފީހުން މިކަން ދޮގުކުރިޔަސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ތިކަން [މެންބަރުންނަށް ރައީސް ފައިސާ ދެއްވާކަން] ތިގޮތަށް ހިނގާ," ޔާމީން ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެއީ ހިނގާ ކަމަކަށްވާ ނަމަ އެ ހިންގަނީ ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

ޔާމީނަށް ރައްދު ދެއްވާ ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވަނީ ޔާމީނަށް ފައިސާ ނޫން ވާހަކައެއް ނުދެއްކެވެނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ. އަމިއްލަފުޅު އެކައުންޓުގައި 200 މިލިއަން ރުފިޔާ ހުރުން އެއީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކުރައްވަމުން ފަލާހް ވަނީ އެއީ ހަމަ "ސައްހަ" ފައިސާތޯ ވިދާޅުވެފައެވެ.

މުލީއާގެ އިން އެންމެ އެމްޕީއަކަށް އެންމެ ރުފިޔާއެއް ވެސް ނުދޭ. މަނިކުފާނަށް މިވަރުން ސާފުވާނެ ކަމަށް ހީކުރަން،
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ އިން މަހަކު 50،000 ރުފިޔާ ދޭ ކަމަށް ބުނެ އެންމެ ފުރަތަމަ އެވާހަކަ ދެއްކެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.

"އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000ރ. ދޭ ކަމަށް. އެހެންވީމަ، އޭގައި ޖެހިފައި ތިބި ނަމަ، އެބޭފުޅުން ދެން އެވާހަކަ ދައްކާނެ ކަމެއް ނެތް، ތިމަންނަމެންނަށް ފުރުސަތު ނެތް ވާހަކަ،" ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މީގެކުރިން ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް މުލިއާގެއިން މަހަކު 50،000 ރުފިޔާ ދޭކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ.