މިފަހަކުން ރާއްޖޭގައި ހިންގި ދެ ސްކޭމެއްގައި މާފުށި ޖަލުގެ ބައިވެރިވުން ކޮންމެވެސް މިންވަރަކަށް އޮތް ކަމަށާއި އަދި އެ ދެ ސްކޭމުން ޖަލު ބަލަހައްޓާ އޮފިސަރުންނަށް ވެސް ފައިސާ ލިބިފައިވާ ކަމަށް ދިވެހި ފުލުހުން ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
ދާދިފަހުން ރާއްޖޭގައި ވަނީ 1.9 މިލިއަން ރުފިޔާގެ ސްކޭމަކާއި 5 ލައްކަ ރުފިޔާގެ ސްކޭމެއް ހިންގައިފައެވެ. 1.9 މިލިއަން ރުފިޔާގެ ސްކޭމް ހިންގާފައި ވަނީ ރަސްމާލެ މަޝްރޫއު އަށް ސްޕަލައި ބޭނުންވާ ކަމަށް ބުނެއެވެ. އަދި 5 ލައްކަ ރުފިޔާގެ ސްކޭމް ހިންގާފައި ވަނީ ފްލެޓެއް ލިބިފައިވާ ކަމަށް ބުނެއެވެ.
މި މައްސަލަތައް ތަހުގީގު ކުރަމުން އަންނައިރު ކޮންމެ މައްސަލައަކުން ވެސް ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އިސްކަންދަރު ކޮށީގައި މިއަދު އެންޓި ސްކޭމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ އެ ދެ ސްކޭމުގެ އިތުރުން އެހެން ސްކޭމުތަކުގައި ވެސް މާފުށީ ޖަލުގެ ބައިވެރިވުން އޮތްކަން އެނގޭ މިންވަރަށް ހެކި އެބަހުރި ކަމަށެވެ. ނަމަވެސް ހުރިހާ ސްކޭމުތަކެއްގެ ހުރިހާ ކަމެއް ހިންގަނީ ޖަލުގައި ތިބޭ ގައިދީންކަން ދަންނަވަން ދަތި ކަމަށެވެ.
ދާދިފަހުން ޖަލު އޮފިސަރުންތަކެއް ވަނީ ރިޝްވަތު ނެގި ކަމުގެ މައްސަލައެއްގައި ހައްޔަރު ކޮށްފައެވެ. އެކަމާއި މިފަހުން ހިންގި ސްކޭމުތަކާއި ގުޅުމެއް އޮތްތޯ ނޫސްވެރިން ސުވާލު ކުރުމުން އެ ބައްދަލުވުމުގައި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑު އިންސްޕެކްޓަރު އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ ޖަލު އޮފިސަރުން ރިޝްވަތު ނެގި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"އެެހެން ނަމަވެސް މި ދެ މައްސަލައިގެ ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ބައެއް ފަރާތްތަކަށް ފައިސާ ގޮސްފައިވާކަން،" ޝާމް ވިދާޅުވިއެވެ.
ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ޖަލު އޮފިސަރުން ހިމެނޭތޯ ތަކުރާރުކޮށް ސުވާލު ކުރުމުން އެންޓި ސްކޭމް ސެންޓަރުގެ ހެޑު އިންސެޕްކްޓަރު އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވަނީ ޖަލު އޮފިސަރުން ހިމެނޭ ކަމަށް ވިދާޅުވެފައެވެ.