ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ބައި މިލިއަނެއްހާ ރުފިޔާ ފޭރިއްޖެއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ހެޑު އިންސެޕްކްޓަރު އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ އެ ފައިސާ ފޭރިގެންފައި ވަނީ ނުދަންނަ ނަންބަރަކުން މީހަކަށް ގުޅާ އެމީހާ އަށް ފްލެޓު ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ކަމަށެވެ.

އެ ބައްދަލުވުމުގައި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑު އިންސްޕެކްޓަރު އޮފް ޕޮލިސް ޝާމް މުހައްމަދު އެ މައްސަލައިގެ އިތުރު ތަފްސީލު ދެއްވަމުން ވިދާޅުވީ މައްސަލާގައި ގެއްލުންވި ފަރާތުގެ އަމިއްލަ ބޭންކް އެކައުންޓުން 25،000 މިލިއަން ރުފިޔާ ފޭރިފައިވާ ކަމަށެވެ. އަދި އޭނާގެ ބައިވެރިވުން އޮންނަ ޖަމިއްޔާއެއްގެ ބޭންކް އެކައުންޓުން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިފައިވާ ކަމަށެވެ.

ސްކޭމް އިންވެސްޓިގޭޝަންގެ ހެޑު އިންސްޕެކްޓަރު އޮފް ޕޮލިސް ޝާމް މުހައްމަދު: ހަތާވީސް ފޮޓީ | އާދަމް ނަޒީރު

މި ހުރިހާ ފައިސާއެއް ނިގުޅައިގަތުމަށް ހޭދަ ކޮށްފައި ވަނީ 1 ގަޑިއިރާއި 49 މިނެޓު ކަމަށް ވެސް ޝާމް ވިދާޅުވިއެވެ. މިކަމުގައި ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ "އޯގަނައިޒް ކްރައިމް" އެއް ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ޝާމް ވިދާޅުވިއެވެ.

ފޭރުނު ފައިސާ ނެގުމުގައި ގިނަ ބައެއްގެ ބައިވެރިވުން އޮތްއިރު އަދި އެކަމުގައި ބައިވެރިވި ފަރާތްތަކަށް މާލީ ގޮތުން އެކިވަރުގެ މަންފާތައް ލިބިފައިވާ ކަމަށްވެސް ޝާމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފޭރުނު ފައިސާގެ 62 ޕަސެންޓު ފައިސާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 8 އޭޓީއެމް އަކުން ނަގާފައިވާ ކަމަށްވެސް ޝާމް ވިދާޅުވިއެވެ.

"އެފައިސާގެ 19 ޕަސެންޓުން ކްރިޕްޓޯ ކަރަންސީއާ އަދި ފަސް ވިޔަފާރިއަކުން އިލެކްޓްރޯނިކް އަގުބޮޑު މުދާތައް ގަތުމަށް ހޭދަކޮށްފައިވާކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިވޭ،" ޝާމް ވިދާޅުވިއެވެ.

އަދި ފޭރުނު ފައިސާގެ ތެރެއިން 18 ޕަސެންޓު ފައިސާ އެކި އެކައުންޓުތަކުގައި ބޭނުންނުކޮށް ހުރި ކަމަށާއި މިވަގުތު އެ ފައިސާތައް ހުރި އެކައުންޓުތައް ފްރީޒު ކޮށްފައިވާ ކަމަށްވެސް ޝާމް ވިދާޅުވިއެވެ.