ރަސްމާލެ މަޝްރޫއު އަށް ސަޕްލައިތަކެއް ހޯދުމަށް ކަމަށްބުނެ 1.9 މިލިއަން ރުފިޔާ މީހެއްގެ އަތުން ފޭރިއްޖެއެވެ.

އިސްކަންދަރު ކޮށީގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސްކޭމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ އެ މައްސަލަ ފުލުހުންގެ އިދާރާ އަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހު ކަމަށެވެ. އެ މައްސަލާގައި ގެއްލުން ލިބުނު ފަރާތުން އެންމެ ފުރަތަމަ މައްސަލަ ރިޕޯޓުކުރީ ބޭންކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަވީދު ވިދާޅުވީ މައްސަލާގައި ގެއްލުން ލިބުނު ފަރާތުގެ އެކައުންޓުގައި ސްކޭމް ހިންގުމުގެ ކުރިން 2.6 މިލިއަން ރުފިޔާ ކަމަށް ބޭންކުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 70 ޕަސެންޓު ފައިސާ ފޭރިގެންފައިވާ ކަމަށް ނަވީދު ވިދާޅުވިއެވެ.

އެ ފައިސާ އަކީ ކުންފުންޏެއްގެ އެކައުންޓުގައި ހުރި ފައިސާއެވެ. އަދި ސްކޭމް ކުރި ފަރާތުން އެކަން ކޮށްފައި ވަނީ ކުންފުނީގެ އެއް ހިއްސާދާރަކަށް ގުޅައިގެން މުއާމަލާތްތަކެއް ކޮށްގެން ކަމަށްވެސް ނަވީދު ފާހަގަކުރެއްވިއެވެ. އަދި އެކައުންޓުން ފައިސާ މަދުވެފައިވާކަން އެނގުނީ ކުންފުނީގެ އެހެން ހިއްސާދާރަކަށް ކަމަށްވެސް ނަވީދު ވިދާޅުވިއެވެ.

އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީން: ހަތާވީސް ފޮޓޯ | އާދަމް ނަޒީރު

މި ފައިސާގައި ކުންފުނީގެ އެއް ހިއްސާދާރެއްގެ އަމިއްލަ ބޭންކް އެކައުންޓުން ގާތްގަނޑަކަށް 25،000 ރުފިޔާ ފޭރިގެންފައިވެއެވެ. އަދި ކުންފުނީގެ އެކައުންޓުން ފޭރިގެންފައި ވަނީ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

"މި ކުންފުނީގެ އެކައުންޓު ކޮމްޕްރޮމައިޒް ވެފައިވާ ގޮތަށް ބަލާއިރު ދެވަނަ ހިއްސާދާރުގެ އީމެއިލް ކޮމްޕްރޮމައިޒް ކޮށްގެން އިންޓަނެޓު ބޭންކިން އަށް އެކްސެސްވެ މި މުއާމަލާތްތައް ހިންގާ ނިމި އެތަކެއް އިރުވީއިރުވެސް ކުންފުނީގެ މި ދެންނެވި ހިއްސާދާރު ދިޔައީ އެވަގުތުވެސް ސްކޭމަރާއި ވަޓްސްއަޕް އަދި ވައިބާ މެދުވެރިކޮށް ވާހަކަދައްކަމުން،" ނަވީދު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު އަށް ސަޕްލައިތަކެއް ހޯދުމަށް ކަމަށްބުނެ 1.9 މިލިއަން ރުފިޔާގެ ސްކޭމާ ގުޅޭ އިތުރު މައުލޫމާތު ---

ސްކޭމާ ގުޅޭ އިތުރު މައުލޫމާތުތައް ކުރުކޮށް:

  • ފައިސާތައް ބޭރު ކުރުމަށް 56 ޓްރާންސެކްޝަނެއް ހަދާފައިވޭ
  • 56 ޓްރާންސެކްޝަން މެދުވެރިކޮށް 50 މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވޭ
  • 50 އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 36 އެކައުންޓަކުން ފައިސާ ނަގާފައިވޭ
  • އިތުރު 14 އެކައުންޓަކުން އެހެން އެކައުންޓުތަކަކަށް ފައިސާ ޖަމާކޮށްފައިވޭ
  • ފަވަރަ އެޕްލިކޭޝަން މެދުވެރިކޮށް އެހެން ބޭންކް އެކައުންޓުތަކަށް ޖަމާކޮށްފައިވޭ

މައްސަލައިގެ އިތުރު މައުލޫމާތު ދެއްވަމުން ނަވީދު ވިދާޅުވީ މުޅި މައްސަލާގައި 158 މީހަކު ބައިވެރިވެފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެކަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.