އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާނެ ކަމުގެ އިޝާރާތެއް ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު މުހުތާޒު މުހުސިން ރޭ ދެއްވައިފި އެވެ.
ޔާމީންގެ ވެރިކަމުގައި ބަންދުގައި ތިބި ސިޔާސީ ގިނަ ބޭފުޅުންތަކެއް ދޫކޮށްލުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިތަކެއް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ކޯޓު އަމުރެއް ނެރުނު އަމުރަށް ޔާމީންގެ ސަރުކާރުން ތަބާނުވެ, ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓު ތެރެއަށް ފުލުހުންނާއި ސިފައިން ވަދެ، އޭރުގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްގެން ގެންގޮސް، ބަންދުކުރި އެވެ. އަދި އެރޭ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ހައްޔަރުކުރި އެވެ.
"އަސްލު ޓީވީ"ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މުހުތާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ޓިނު ނަގައިން އެ ތަނަށް ސިފައިންނާއި ފުލުހުން ވެއްދި ކަމަށް ޔާމީން ވަނީ އިއުތިރާފުވެވަޑައިގެންފައި ކަމަށެވެ. އެ މައްސަލާގައި ފިޔަވަޅު އެޅުމުގެ ކަންކަން ތަންފީޒު ކުރަން މަސަައްކަތް ކުރައްވާނެތޯ ސުވާލު ކުރުމުން, އޭނާ ވިދާޅުވީ އޭނާއަކީ ވާހަކަ މަދުކޮށްފަ އަމަލު ގިނަ ކުރާ މީހެއް ކަމަށާއި އަމަލުން ކަންކަން ދައްކާނެ ކަމަށް މުހުތާޒް ވިދާޅުވި އެވެ.
މުހުތާޒް ވިދާޅުވީ ފަނޑިޔާރުންގެ ގައިގައި އެގޮތަށް އަތްލެވިގެން ނުވާނެ ކަމަށާއި އެހެންވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވާކުރި ފަދައިން ޔާމީންގެ މައްޗަށް ދައުވާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް ދައުވާ ކުރެވޭ ކަމަށްވާ ނަމަ، ރައީސް ޔާމީންގެ މައްޗަށް ވެސް އެ ދައުވާ ހިންގެން ޖެހޭނެ." ޕީޖީގެ މަގާމުގައި ހުންނަވައިގެން ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރި މުހުތާޒު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ އޭރު ކްރިމިނަލް ކޯޓުގެ ގާޒީ ހައްޔަރުކުރި މައްސަލާގަ އެވެ.
ޔާމީންގެ ވެރިކަމުގައި ޕީޖީގެ މަގާމުގައި މުހުތާޒް ހުންނަވަނިކޮށްސަރުކާރާ ދެމެދު ހިޔާލު ތަފާތުވެ، ރައްޔިތުންގެ މަޖިލީހުން މުހުތާޒު މަގާމުން ވަކިކުރި އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރެން މަސައްކަތް ކުރި ކަމަށް ބުނެ އިތުރު ބަޔަކާ އެކު މުހުތާޒް ހައްޔަރުކޮށް، 17 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ފަހުން އޭނާ ޖަލުން މިނިވަންވީ ޔާމީންގެ ވެރިކަން ނިމުނު ފަހުން ހައި ކޯޓުން ޖަލު ހުކުމް ބާތިލް ކުރުމުންނެވެ.