ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ވައްޓަފާޅިއާ މެދު އަލުން ވިސްނައި، ބަދަލުތައް ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް އިއްޔެ އިފްތިތާހް ކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ކްރޮސްރޯޑުގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި، މަޖިލީސް މެދުވެރިކޮށް އަޅުއްވަމުން ގެންދަަވާ އިސްލާހީ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި މެންބަރުންގެ މަސައްކަތުގައި ރައްޔިތުންނަށް އިސްކަން ދެއްވުމަށާއި، ހަރަކާތްތެރިކަން ދެއްކެވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދިވެހި ރައްޔިތުން ހަވާލުކުރައްވާފައިވާ ބޮޑު މަސްއޫލިއްޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ނާޒިމް ވިދާޅުވީ، ހުރިހާ މެންބަރުންވެސް އެ ބޭފުޅުންގެ ޒިންމާތައް އަދާ ކުރެއްވުމުގައި ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށް އިސްކަން ދެއްވަން ޖެހޭނެ ކަމަށެވެ.
އައު ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008ން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތިކޮށްފައިވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މި އަހަރުތަކުގައި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ.
އެގޮތުން މިއަދުގެ ހާލަތަށް ބައްލަވާލައްވަމުން މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާޙީ ފިޔަވަޅުތަކަށް ވެސް އަލިއަޅުވައި ލެއްވިއެވެ.
"އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިޞްލާޙުކޮށް، ބައެއް ކަންކަން އަލުން މުރާޖަޢާ ކުރަން ޖެހޭ" ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ، ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާއި ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ރިއާޔަތް ކޮށްދެއްވުމަށްވެސް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.