ކައުންސިލަރުންގެ އަދަދު ދަށްކުރަން ދެކޮޅު ނަހަދާ ކަމަށާއި ނަމަވެސް އެ ވާހަކަ ސަރުކާރުން ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ކައުންސިލަރުންގެ އަދަދު ދަށްކުރަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރަން އޭނާ ތާއީދު ކުރައްވާ ކަމަށާއި އެކަމަކު މި ސަރުކާރުން އެ ވާހަކަ މިހާރު ދައްކަނީ ރާއްޖޭގެ މާލީ ހާލަތާ ބެހޭ ގޮތުން މީހުންނަށް އޮޅުވާލައިގެން "ދެބޯގެރި ދުއްވަން" ކަމަށެވެ. އަދި ކައުންސިލަރުންނަށް އަހަރަކު ދައުލަތުން ހަރަދު ކުރަންޖެހެނީ 120 މިލިއަނެއްހާ ރުފިޔާ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ހޭދަކުރާ މުސާރަ 200 މިލިއަނާއި 300 މިލިއަނާ ދެމެދުގެ އަދަދެއް ހޭދަކުރާނެ ވުރެ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުގައި ތިބި ސިޔާސީ ބޭފުޅުންގެ އަދަދު ހާމަ ނުކޮށްގެން އުޅުމުން ވެސް އެނގެނީ ސަރުކާރުގެ ގާބިލްކަމެއް ނެތް ކަން ކަމަށެވެ. އަދި މިހާރު ވެސް 1,500 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން މި ސަރުކާރުގައި އެބަތިބި ކަން ޔަގީންވާ ކަމަށާއި އެކަމަކު އެ އަދަދު 2,000 އާ ގާތްކުރާނެ ކަމަށް ލަފާވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި ސިޔާސީ މަގާމުތައް އޮބިނޯވެއޭ ކިޔައިގެން, ތިމަން 700 ގައި ހިފަހައްޓާނަމޭ ކިޔައިގެން ވަޑައިގެންނެވީ. މިހާރު ވެސް އަޅުގަނޑަށް ހުވާކޮށްފައި ދަންނަވަން ކެރިދާނެ 1,500 އަށް ވުރެ ގިނަވާނެ އެނގިގެން." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދު ކުރި ނަމަވެސް އަތޮޅު ކައުންސިލްތައް އުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ކައުންސިލްތައް އެކުލެވޭ ގޮތަށް ބަދަލު ގެންނަން ނަމަ އެކަން ކުރަން ޖެހޭނީ ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަތޮޅު ކައުންސިލް މިހާރު އެކުލެވޭ ގޮތް ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މަޖިލިސް މެމްބަރަކަށް ވުރެ ބޮޑު މާ ބޮޑު އާބާދީއަކުން އަތޮޅު ކައުންސިލަރެއް މި ހޮވަން ޖެހެނީ. އެހެންވީމަ އެއީ ތާކުންތާކު ޖެހޭ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ އަންނަ އަހަރުގެ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދައްކަން ޖެހޭނެކަން މި ސަރުކާރު ވެރިކަމަށް އައިއިރު ވެސް އެނގޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ވެސް ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އޭރު ވިދާޅުވަމުން ދިޔަ ކަމަށާއި ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައީ ވެސް އެފަދަ ހާލަތެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.