ސަރުކާރުން ގެންނަން ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަން ނުފެންނަ ކަމަށް ކުރީގެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވެފައި ވަނީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. އެކްސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ސިސްޓަމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ކައުންސިލްގެ އަދަދު މަދުކުރާއިރުގައާ މަޖިލިސް އަދަދު މަދުކުރާއިރު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް "ދެބޯގެރި" ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިއްމު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމައި މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ. ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ނުފެނޭ،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށެވެ.
އެކަންކަން ހުރީ ނުވެ ކަމަށާއި އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ސިޔާސީ މުވައްޒަފުން ކިހާވަރެއްތޯ، ރައްރަށުގެ ކައުންސިލަރުން މަދުކުރުމުގެކުރިން ސިޔާސީ މުވައްޒަފުން ވައުދާއެއްގޮތަށް މަދުކުރޭތޯ، މިކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން އަދި މިވަގުތުވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ބަލއިގަންނާނެ ހަރުދަނާ ބަދަލުތަކަކަށް އެމްޑީޕީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
"އެކަމު މާލީ ހާލަތު ‘ވާނުވާ’ ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް،" ފައްޔާޒު ވިދާޅުވިއެވެ.
"ޕީއެންސީ ހައުސް"ގައި ވާހަކަ ދައްކަވަމުން ރައީސް ރޭ ވިދާޅުވީ ކުދި އާބާދީތަކަށް ރައީސަކާއި ނައިބު ރައީސެއް އިންތިހާބުކުރުމުން ފުދޭނެ ކަމަށެވެ. އަދި އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކުގެ ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބަޔަކައް ގައުމާއި ރައްޔަތުންނައް އިހުލާސްތެރިވެވޭނީ ދެން ތިހާވަރަށް ތަފާތަކީ ސުރީލަންކާއޭ ނުކިޔާ ކަން ގައުމުދޮވެލާފަ ތިބެގެން ކީކޭތިކިޔަނީ
އާދަން ވަހީދު މާލެ