ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށްވާ ދުވަހު މެންބަރެއްގެ އަތުގައި އޮތް އެއްޗަކާއި މެންބަރުކަމުގެ ދައުރު ހަމަވާއިރު އަތުގައި އޮތް އެއްޗެއް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުގެ ހުވާ ކުރެއްވިއިރު، ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާތީ އެކަމާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ވަނީ ފާޅު ކޮށްފައެވެ. އެއާއެކު މަޖިލީހުގެ އިދާރާ އިން ވަނީ މާލީ ބަޔާން ހާމަ ކުރުމުގެ އުސޫލުގައި ކަން އޮންނަ ގޮތް ސާފު ކޮށްދީފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަން ވާނީ، އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ފުރިހަމަ ވުމުންނެވެ.
އެހެންކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އަންނަ އަހަރުގެ މޭ 28 ވަނަ ދުވަހަށް އެއް އަހަރުފުރުމަށްފަހު، އަންނަ އަހަރުގެ އޯގަސްޓް 31 ގެ ކުރިން ކަމަށް ވެސް މަޖިލިސް އިދާރާ އިން ބުންޏެވެ.
އާއްމު ފަރާތަކުން ވަނީ މަޖިލީހުގެ އެ އުސޫލު ގޯސް ކަމަށް ބުނެ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. މެމްބަރު ކަމަށް ހޮވޭއިރު ވެސް މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ކޮންމެ އަހަރަކު އެއްފަހަރު ހުށަހަޅަން ޖެހޭނެ ކަމަށް ބުނެ "މަނިކުފާނު"ގެ ނަމުގައި އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ.
އެ ޕޯސްޓަށް ޖަވާބު ދެއްވާ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް ނާޒިމް ވިދާޅުވީ 20ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލާއިރު އެ މައްސަލަ އަށް މަޝްވަރާ ކުރެވޭނެ ކަމަށެވެ.
"އެމްޕީ އަކަށްވީ ދުވަހު އަތުގައި އޮތް އެއްޗަކާއި ދައުރު ނިމޭއިރު އަތުގައި އޮތް އެއްޗެއް ރައްޔިތުންނަށް އެނގުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލު،" ނާޒިމް ވިދާޅުވިއެވެ.
މަޖިލިސް އިދާރާ އިން ބުނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފާއިތުވި 4 އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އަދި 19ވަނަ މަޖިލިސް މެންބަރުންގެ 5 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅާނީ އަންނަ އޯގަސްޓް މަހުގެ 31 ގެ ކުރިން ކަމަށްވެސް މަޖިލިސް އިދާރާ އިން ބުންޏެވެ.