މައުލޫމާތު ހާމަ ކުރުމަށް އެއްވެސް އިރެއްގައި ދެކޮޅު ނޫން ކަމަށާއި އިއްޔެ މަޖިލީހަށް ހުށަހެޅި މައްސަލައާ ދެކޮޅަށް ވޯޓު ދިނީ އެ މައްސަލަ އަކީ މަޖިލީހުގެ ވަގުތު ބޭކާރު ކުރަން ހުށަހެޅި މައްސަލައަކަށް ވާތީ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު ހިނގާދިޔަ ކަންކަން އެންމެ ބޮޑަށް ރައްޔިތުންނަށް ހާމަ ކުރި އެއް ބޭފުޅަކީ އަޒާނެވެ. މީގެ ކުރިން ނޫސްވެރިއެއް ގޮތުގައި އުޅުއްވި އަޒާން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ގިނަ މައުލޫމާތުތަކެއް ހޯދުމަށް ހުށަހަޅާފައެވެ. އަދި ބައެއް މައުލޫމާތުތައް އޭރުގެ ސަރުކާރުގެ ބައެއް ވުޒާރާތަކުން ދޭން ދެކޮޅު ހެދުމުން އެކަން ރައްޔިތުންނާއި ހަމައަށް އޭނާ ވަނީ ގެނެސް ދީފައެވެ. ބައެއް މައްސަލަތައް ކޯޓާ ހަމައަށް ވެސް ގޮސްފައި އެބަހުއްޓެވެ.
އަޒާން ހޯއްދެވުމަށް މަސައްކަތް ކުރެއްވި މައުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުތައް ހިމެނެއެވެ.
ނަމަވެސް އިއްޔެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރާ އަދަދުތައް ހާމަ ނުކުރާތީ ކުއްލި މައްސަލައެއް ހުށަހެޅިއެވެ. އެކަމަކު އެ ކުއްލި މައްސަލަ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އިއްޔެ ވަނީ ބޭރު ކޮށްލައިފައެވެ. އެ މައްސަލަ ބޭރު ކުރުމަށް ވޯޓު ދެއްވި އެއް މެންބަރަކީ އަޒާނެވެ.
އެހެންކަމުން އޭރު މައުލޫމާތު ހާމަ ކުރުމަށް ވަކާލާތު ކުރެއްވި އަޒާން އިއްޔެގެ އެ މައްސަލަ ބޭރު ކުރުމަށް ވޯޓު ދެއްވުމުން ގިނަ ބަޔަކު އަންނަނީ އަޒާނަށް ފާޑު ކިޔަމުންނެވެ.
ނަމަވެސް އަޒާން މިއަދު ވިދާޅުވީ މައުލޫމާތު ހާމަ ކުރުމާއި އޭނާ ދެކޮޅު ނުވާ ކަމަށެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމަ ކުރާނެ ކަމަށް އަޒާން ވިދާޅުވިއެވެ.
"ވޯޓު ދިނީ އެމްޑީޕީން މަޖިލިސްގެ ވަގުތު ބޭކާރު ކުރަން ހުށަހެޅި މައްސަލަ އަކަށް ވާތީ މައުލޫމާތު ހާމަ ކުރުމާއި ދެކޮޅެއް ނޫން. ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމަ ކުރާނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.