ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުގެ ހުވާ ކުރެއްވިއިރު، ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާތީ އެކަމާ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅު ކޮށްފައި ވާތީ މާލީ ބަޔާން ހާމަ ކުރުމުގެ އުސޫލުގައި ކަން އޮންނަ ގޮތް ރައްޔިތުންގެ މަޖިލިސް އިދާރާ އިން ސާފު ކޮށްދީފިއެވެ.
މަޖިލީހުން މިރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަން ވާނީ، އެ މެންބަރެއްގެ މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރުދުވަސް ފުރިހަމަ ވުމުން ކަމަށެވެ.
އެހެންކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އަންނަ އަހަރުގެ މޭ 28 ވަނަ ދުވަހަށް އެއް އަހަރުފުރުމަށްފަހު، އަންނަ އަހަރުގެ އޯގަސްޓް 31 ގެ ކުރިން ކަމަށް ވެސް މަޖިލިސް އިދާރާ އިން ބުންޏެވެ.
"ވީމާ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާ ޓުވީޓުކޮށްފައި ވަނީ މާލީ ބާޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށެވެ،" މަޖިލިސް އިދާރާ އިން ބުންޏެވެ.
މަޖިލިސް އިދާރާގެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފާއިތުވި 4 އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އަދި 19ވަނަ މަޖިލިސް މެންބަރުންގެ 5 ވަނަ އަހަރުގެ މާލީ ބަޔާން ހުށަހަޅާނީ އަންނަ އޯގަސްޓް މަހުގެ 31 ގެ ކުރިން ކަމަށްވެސް މަޖިލިސް އިދާރާ އިން ބުންޏެވެ.