ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަށް ސިހުރު ހެދި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ރައީސް މުއިއްޒު ކަމަށެވެ. ނަމަވެސް ހީނާ އެކަން ދޮގު ކުރައްވައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާއި އަދި އެމަނިކުފާނުގެ އާއިލާއިން ވެސް އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"ހ. މެލްބަން، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަހުގީގު ކުރާ މައްސަލަ އާއި ގުޅިގެން ދަންނަވަމެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވެއެވެ،" ހީނާ ވިދާޅުވިއެވެ.

ހީނާ ފާހަގަކުރެއްވި ގޮތުގައި އެކަމާއި ގުޅޭ ގޮތުން ރައީސް މުއިއްޒާއި އަދި އެމަނިކުފާނުގެ އާއިލާ އަށް ނިސްބަތްކޮށް ބައެއް މީޑިއާތަކުގައި ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

"މައްސަލައަކީ [ޝަމްނާޒު ސިހުރު ހެދި ކަމަށް ބުނާ މައްސަލަ] ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިޔާ އާއި އެމަނިކުފާނުގެ އާއިލާއިން ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް އާންމު މީޑިއާ އާއި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަ ތަކެކެއް،" ޝިފާން ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓުން ޝަމްނާޒުގެ ބަންދަށާއި އަދި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިތުރު އަންހެނެއްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ޝަމްނާޒު ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ.

ޝަމްނާޒަކީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ޝަމްނާޒުގެ މައްސަލަ ފެންމަތިވި ހިސާބުން، ރަމީޒު ވެސް ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ.