މާލޭގައި ގޭންގަކުން ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގެ ވީޑިއޯ ފުޓޭޖްތައް ގެއްލުމުން އެ ވީޑިއޯ ރިކަވާކުރަން ހަރަދު ބޮޑު ކަމަށް ބުނެ ރިކަވާ ނުކުރުމުން, އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިނިވަންވެފައި ވަނީ ދަފްތަރު ނަމްބަރު 4507, ހާފިޒު ހަސަނާއި ސ. ހިތަދޫ، މާސާ އަހުމަދު އާނިމާއި އއ. މާޅޮސް, ބަނަފްސާގޭ މުހައްމަދު ނާޖިހާއި ތ. ވިލުފުށީ ސަބުދެލިމާގޭ މުހައްމަދު ނައްސާރުއެވެ.

މީގެ ހަ އަހަރު ކުރިން 2017 ވަނަ އަހަރު ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ހަމަލާ ދިނުމަށް އެތަނަށް މީހުން ދިޔަ މަންޒަރާއި ހަމަލާ ދިނުމަށްފަހު ހަތިޔާރު ހިފައިގެން އެތަނުން ނިކުތް މަންޒަރު ހިމެނޭ ފުޓޭޖްތައް ފުލުހުން ލިބުނު ނަމަވެސް ފުލުހުންގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ފުޓޭޖްތައް ގެއްލިފައިވާ ކަމަށް ފުލުހުން ބުނާ ކަމަށެވެ. އަދި އެ މައްސަލާގައި ލިބިފައިވާ އެންމެ މުހިންމު ހެއްކަކީ އެ ފުޓޭޖްތައް ކަމަށް ހުކުމުގައިވެ އެވެ.

ފުޓޭޖްތަކުގެ ބެކަޕް ނެގުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް ފުލުހުން ބުނާ ކަމަށާއި އެހެންވެ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ ކޮމްޕެރިސަން ފުލުހުން ހަދާފައެއް ނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ މައްސަލާގައި ހުށަހެޅި ސިއްރު ހެކިން ހާޒިރު ނުކުރެވޭތީ އެ މީހުންގެ ހެކިބަސް ލިބިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.