މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލަށް ޖަލުގައި އަނިޔާ ކުރިކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ކަރެކްޝަންސް އިން އިއްޔެ ބުނީ އޭނާ ޖަލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައިވާ ކަމަށެވެ.
އެ މަރާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިހުސާން ވެސް ވަނީ ރޭ ބައެއް ކަންކަން ސާފު ކޮށްދެއްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ޖަމީލް ގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ އާއިލާގެ ހުއްދަ ހޯދުމަށް ފުލުހުންނަށް އަންގާފައި ވާނެ ކަމަށެވެ. ޖަމީލް މަރުވީ ނަމާދު ކުރަން ހުއްޓައެވެ. މަރުވިއިރު އޮތީ ސަޖިދައިގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ޖަމީލް ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖު ކަމާބެހޭ އިދާރާތަކާއި ހިއްސާ ކުރެވޭނެ ކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ޖަމީލްގެ ހަށިގަނޑުގެ ބައެއް ތަންތަން ވަރަށް ބޮޑަށް ނޫފަތް ގަނެފައިވާ މަންޒަރު ފެންނަން ހުއްޓެވެ.
ޖަމީލްގެ މަރާ ގުޅިގެން އިތުރު ކަންކަން ހިއްސާ ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލުގެ ހަށިގަނޑުގައި ނިޝާންތަކެއް ހުއްޓަސް އެއީ މީހަކު ޖަމީލަށް ދިން އަނިޔާތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ޖަމީލް އޮތް ގޮޅިއަށް މީހަކު ވަތް ކަމަށް ސީސީޓީވީން ފެންނަނީ އިއްޔެ ރޭ 9:30ގައި ކަމަށާއި އޭގެ ފަހުން މީހަކު ނުވަންނަ ކަމަށެވެ. އަދި އިއްޔެ ހެނދުނު 6:00ގައި އާއްމު އުސޫލުން ގޮޅިތައް ބެލިއިރު ޖަމީލް އޮތް ގޮޅިއަށް ނުވަނީ ނަމާދުގައި ސަޖިދާގައި އޮތުމުން ކަމަށް ސާމިހް ވިދާޅުވިއެވެ.
ޖަލު އޮފިސަރުން އެ ގޮޅިއަށް ވަނީ އިއްޔެގެ 11:34 ގައެވެ. އޭރުވެސް ޖަމީލް އޮތީ ސަޖިދައިގައެވެ.
ޖަމީލުގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ގިނައިރު އެހެން އޮތުމުން ލިބުނު ނިޝާންތަކެއް ކަމަށް ސާމިހް ފާހަގަކުރެއްވިއެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަން މުހައްމަދު އާސިފް މިއަދުގެ ޕްރެސްގައި ވިދާޅުވީ އެންމެ ފުރަތަމަ ޖަމީލް ބަންދު ކޮށްގެން ގެންގުޅުނީ ހައި ސެކިއުރިޓީ ޒޯނެއްގައި ކަމަށެވެ. އެކަމަކު އެހެން ގައިދީންގެ ފަރާތުން ޖަމީލަށް އުނދަގޫ ކުރިމަތިވެ ޖަމީލުގެ ސަލާމަތާ ރައްކާތެރިކަމަށް ކުރިން ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުނު މީހުން، ޖަލަށް ހުކުމް ކުރުމުން އޭރު ބޭނުންކުރަމުން އައި ޔުނިޓަށް ޖަމީލް ބަދަލުކުރި ކަމަށް އާސިފް ވިދާޅުވިއެވެ.
އެ ޔުނިޓަކީ އޭސީ އާއި ކެމެރާ ވެސް ހުންނަ ތަނެއް ކަމަށާއި އަދި ޖަމީލު އެތަކެތި ހަލާކުކުރި ކަމަށް އާސިފް ވިދާޅުވިއެވެ.
"ޖަމީލު އޭސީ ހަލާކުކޮށް، އެނދު ބަހައްޓަން ބޭނުންނުވާ ކަމަށް ބުނުމުން، އޭނާގެ އެދުމުގެ މަތިން އޭސީ އާއި އެނދާއި ރިމޫވްކުރީ" އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ދެވަނަ ކެމެރާ ހަރު ކުރުމުން އޭގައި ދަތް އުނގުޅާ ބޭސް ހޭކި ކަމަށާއި އިތުރަށް އެކެމެރާ ބަދަލު ނުކުރީ އެހެން ކެމެރާއެއް ބެހެއްޓި ނަމަވެސް އެއަށް ވެސް ގެއްލުން ދިނުމުގެ ފުރުސަތު އޮތަތީ ކަމަށެވެ.