ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރި ޖަލު އޮފިސަރުންގެ ތެރެއިން 11 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ ރިޝްވަތުގެ ތުހުމަތުގައި 13 މީހަކު ހައްޔަރު ކުރިއިރު އޭގެތެރެއިން 9 މީހުން ހައްޔަރު ކޮށްފައި ވަނީ ކ. މާފުށިން ކަމަށެވެ. އަދި ކ. ކާށިދޫން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ހއ. އުތީމުން އެކަކު މާލެ އިން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 11 މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި ދެން ތިބި ދެ މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ މަސްތުވާތަކެއްޗާއި ފޯނު ޖަލަށް ވެއްދުމުގެ ތަހުގީގުގެ ތެރެއިން، 73.6 މިލިއަން ރުފިޔާ ފެނުނު 18 އޮފިސަރުންގެ ތެރެއިން ހަ މީހަކު ޖަލު އޮފިސަރުންގެ މަގާމުން ވަކިވެފައިވާ ކަމަށެވެ. އެ މީހުންގެ ތެރެއިން އެކެއްގެ އެކައުންޓުން 24 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.
ޖަލު އޮފިސަރުންގެ އެކައުންޓަށް ފައިސާ ދައުރުވެފައި ވަނީ ގައިދީންގެ އެކައުންޓުތަކުންނާއި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންގެ އެކައުންޓުންނެވެ. މި މީހުންގެ އެކައުންޓަށް 73.6 މިލިއަން ރުފިޔާ ވަދެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ ނިޔަލަށެވެ.
"މި ފަރާތްތަކަކީ މިހާތަނަށް އަޅުގަނޑުމެން ބެލި ބެލުމުން ވިޔަފާރީގައި ރަސްމީ ގޮތުން ބައިވެރިވާ ފަރާތްތަކެއް ނޫން. އަދި އިތުރު ވަޒީފާއެއް އަދާކުރެވޭ ފަރާތެއް ނޫން،" އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޔުނިފޯމް އަޅައިގެން، ދައުލަތުގެ އިތުބާރު ލިބިފައިވާ މަގާމުތަކެއްގައި ތިބި ބަޔަކަށް ރިޝްވަތު ދިނުމަށް ފައިސާ ހުށަހެޅި މީހުންނާއި ފައިސާ ހިފި މީހުންގެ މައްސަލަ ވެސް ބަލައި ތަހުގީގު ކުރައްވާނެ ކަމާށެވެ.