އެމްޑީޕީގެ މެންބަރުންނަށް އަދިވެސް ބުއްދިވެރިވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތް ހެއްދެވީމަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަންވަރު އިބްރާހީމް އެކްސްގައި ކުރެއްވި ޕޯސްޓަކަށް، ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓު "އަނެއް ދިވެހިރާއްޖެ" އިން ކުރެއްވި ޕޯސްޓެއްގައެވެ.

އަންވަރުގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުގެ ބޮލުގައި ކަންކަން އަޅުވާފަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރިހާ ކަމަކުން ރެކެން ނުހެއްދުމަށެވެ. އަދި މިވަގުތު އެމްޑީޕީ މަގުމައްޗަށް ނިކުމެ ކަންކަން ރައްޔަތުންނަށް ސާފު ކޮއްދޭން ފަށައިފި ނަމަ ވެއްޓޭނީ ރިހޭ ފައިމައްޗަށް ފޮއި ކަމަށްވެސް ވިދާޅުވިއެވެ.

އަންވަރަށް ރައްދު ދެއްވަމުން ނަޝީދު ވަނީ ދެކަމެއް ފާހަގަކުރައްވާފައެވެ. ފުރަތަމަ ކަމަކަށް ވިދާޅުވީ މިހާލަތަށް ދިޔައީ ވައުދުވީ ގޮތަށް ދަރަނި ރީސްޓްރަކްޗާ ނުކޮށް ދަރަނި ބޮޑު ކުރުމުން ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މިވަގުތު މަގުމައްޗަށް ނިކުންނަށް ކެރޭނެ މީހަކު އެމްޑީޕީގައި ނެތް ކަމަށެވެ.

"އަންވަރު އެކަނި ތިކަމެއް ނުވާނެ. އަދިވެސް ބުއްދިވެރި ވާނީ މަބުނާ ގޮތް ހެދުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދަކީ 2008ވަނަ އަހަރުން ފެށިގެން 2012ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސެކެވެ. އަދި އެމަނިކުފާނަކީ އެމްޑީޕީގެ ވެސް ކުރީގެ ރައީސެވެ. 2018ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ނަޝީދާ ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި އެމްޑީޕީގެ ތެރޭގައި ފެކްޝަން އުފެދުނެވެ.

އަދި ވަކި ހިސާބަކުން ޕާޓީން ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު ނަޝީދު އިސްވެ ހުންނަވައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދިއެވެ. އޭރު ނަޝީދަކީ 19ވަނަ މަޖިލީހުގެ ރައީސެވެ. ނަމަވެސް އޭރު މަޖިލީހުގެ ސުޕަ މެޖޯރިޓީގައި އޮތް އެމްޑީޕީން ދިޔައީ ނަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެއާއެކު އެ މަގާމުން ވެސް ނަޝީދު އިސްތިއުފާ ދެއްވިއެވެ.

ނަމަވެސް އެމްޑީޕީ އަށް 19 އަހަރު ފުރުމާއި ގުޅިގެން ރާއްޖެޓީވީ އަށް ރައީސް ސޯލިހު ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކަށް ނަޝީދު ތާއީދު ކުރެއްވިއެވެ.

ސޯލިހް ވިދާޅުވީ އެމްޑީޕީ އަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި އެޕާޓީ އުފެއްދެވީ ރައީސް ނަޝީދާ އަދި މިއަދު ދަ ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ ބޭފުޅުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

"އެ ޒާތީ އޭރު އެހުރި މައްސަލަތައް، އެކަން ކުރެވޭނެ އެނގޭތޯ، އަދި އަޅުގަނޑާ ދޭތެރޭގައި ހުރި މައްސަލައެއްވިޔަސް އިނގޭތޯ އެއްފަޅީގައި ބަހައްޓާފައި އަޅުގަނޑުމެން މިކުރި މަސައްކަތް އަދި ނިމުމަކަށް ނުދެޔޭ އަޅުގަނޑުމެން އެދުވަހު ފެށި އެމްޑީޕީގެ މަސައްކަތެއް،" ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ސޯލިހް ވިދާޅުވިއެވެ.

ސޯލިހްގެ މި ވާހަކަތަކާއެކު ނަޝީދު ވިދާޅުވީ ސޯލިހުގެ އެ ވާހަކަފުޅަކީ ތެދު ވާހަކަފުޅެއް ކަމަށެވެ. ސޯލިހު ވިދާޅުވި މިސްރާބު ހޯދޭނެ ކަމުގެ އުއްމީދު އެމަނިކުފާނުވެސް ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.