މިދިޔަ އަހަރުގެ މިހާތަނަށްވުރެ މިއަހަރުގެ މިހާތަނަށް ސްކޭމް ކޮށްގެން ހުށަހެޅޭ މައްސަލަތައް 200 ޕަސެންޓު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ މީޑިއާތަކާއެކު ފުލުހުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ފުލުހުން ވަނީ ރާއްޖޭގައި ސްކޭމް ކުރުން ވަރަށް ބޮޑަށް ފުޅާވެގެން އަންނަ ކަމަށާއި އެކަމަށް ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ބުނެފައެވެ. އެގޮތުން ފުލުހުން ހިއްސާކުރި މައުލޫމާތުތަކުގައި މިދިޔަ އަހަރުތެރޭ ޖުމްލަ 1658 ސްކޭމްގެ މައްސަލަތައް ރިޕޯޓްކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 28.4 މިލިއަނެއްހާ ރުފިޔާއެވެ.

އެހެންނަމަވެސް މިއަހަރުގެ މެއި މަހާ ހަމައަށް އައިއިރު 877 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އެ މައްސަލަތަކުން ޖުމްލަ 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން ވަނީ ފޭރިގަނެފައެވެ. މި ރޭޓުން ދާ ކަމަށްވާ ނަމަ ފުލުހުން އަންދާޒާ ކުރަނީ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ދާއިރު 49 މިލިއަން ރުފިޔާ ހަމައެކަނި ސްކޭމް ކޮށްގެން ފޭރިގަންނާނެ ކަމަށެވެ.

ސްކޭމަރުން ހުއްޓުވުމަށްޓަކައި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފުލުހުން ހިއްސާ ކުރި މައުލޫމާތުތަކުން އެނގެއެވެ. އެހެންނަމަވެސް ފުލުހުންނަށް އެކަމުގައި ގޮންޖެހުންތަކެއް ވެސް ހުރެއެވެ.

ކުށުގެ ރިކޯޑުތައް:

ކޮންމެ 51 މިނެޓަކުން ކުށެއް ރިޕޯޓުކުރޭ

ކޮންމެ 131 މިނެޓަކުން ވައްކަމެއް ރިޕޯޓުކުރޭ

ކޮންމެ 180 މިނެޓަކުން ސްކޭމެއް ރިޕޯޓުކުރޭ

ކޮންމެ 480 މިނެޓަކުން ޑުރަގް މައްސަލައެއް ރިޕޯޓުކުރޭ

އެވްރެޖު ގޮތެއްގައި ސްކޭމް ކޮށްގެން ދުވާލަކު 6 މައްސަލައެއް، އެއީ މަހަކު 192 މައްސަލަ

ފުލުހުން ބުނި ގޮތުގައި ސްކޭމްގެ އެކި މައްސަލަތަކާއި ގުޅިގެން މިހާތަނަށް 297 ސިމްކާޑު ޓާމިނޭޓު ކޮށްފައިވާ ކަމަށާއި އަދި 500 ބޭންކު އެކައުންޓެއް ތިން އަހަރު ދުވަހަށް ބްލޮކް ކޮށްފައިވާ ކަމަށެވެ.