ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަ ކުރުމަށް ނުވަތަ އެފަދަ ހަފްލާތައް ނުބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީން މަރުހަބާ ކިޔައިފިއެވެ.

ޕީއެންސީން މިއަދު ނެރެފައި ބަޔާނެއްގައި ބުނީ ދިވެހިރާއްޖެ ވައްޓާލާފައިވާ އިގްތިސޯދީ އަނދަވަޅުން ނަންގަވައި ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މުހިއްމު ފިޔަވަޅުތަކެއް ރައީސް އަޅުއްވަން ނިންމަވާ އެކަން އިއުލާނު ކުރެއްވިކަމަށްޓަކައި އެ ކޯލިޝަންގެ ފަރާތުން ރައީސަށް އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވައި ޝުކުރު އަދާކުރާ ކަމަށެވެ.

ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާ އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއްކަމަށް އެޕާޓީން ގަބޫލުކުރާ ކަމަށް ބަޔާނުގައިވެއެވެ.

އަދި މިކަމުގައި ރައީސުލްޖުމްހީރިއްޔާ އާއިއެކު އެ ކޯލިޝަން ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަންވެސް ވަނީ އަރުވައިފައެވެ.

ރޭ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައި ވާނެ ކަމަށެވެ.