ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި, އޭނާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި އެހެން ބައެއް ހެކިތައް ސިއްރު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ނައީމާ ދިރިއުޅޭ ގޭގައި މިދިޔަ އަހަރު އޭނާ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ރަށުގެ ތިން މީހެއްގެ މައްޗަށެވެ. އެއީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަހުޒަމް އަބްދުއްޝަކޫރާއި އަދި ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ވެސް ދައުލަތުން ކުރެއެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައެއް ހެކިތައް ސިއްރު ކުރަން ދައުލަތުން އެދުނީ އެގޮތަށް އެދުނީ ސިއްރު ހެކިންގެ މައުލޫމާތު ހިމެނޭތީ އާއި ނައީމާ މަރާލާފައި އޮތް މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯތައް ވެސް އާންމު ކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ ކަމަށް ބުނެއެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ ބައެއް ހެކިތައް އެއްކޮށް ސިއްރު ކުރުމަށާއި އަނެއް ބައި ހެކިތައް ކޯޓުގައި އެކަނި ބެލޭ ގޮތަށް ވަކި މިންވަރަކަށް ސިއްރު ކުރުމަށެވެ.

ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން ދައުވާ ލިބޭ ތިން މީހުންގެ ދިފާއީ ވަކީލުން ވެސް ވިދާޅުވީ ލިޔުންތައް ދިރާސާ ކުރުމަށް ފަހު ޖަވާބުދާރީވުމަށް ފުރުސަތު ދޭން އެދޭ ކަމަށެވެ. އެހެންވެ، އެ ފުރުސަތު ކޯޓުން ދިނެވެ.

ނައީމާގެ ކަރަށާއި އެކި ތަންތަނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އޭނާގެ ގެއަށް ވަދެ ބެލިއިރުއެވެ. އޭނާ މަރާލީ ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް ކަމަށާއި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.