ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކަމުން ގެންދާ ހިޓާޗީ ބްރޭންޑުގެ އިތުރު މުދާތަކެއްގައި "ހަކަތަރި" ލޭބަލް ޖަހައިފިއެވެ.
އެންމެ ފުރަތަމަ އެސްޓީއޯ އިން "ހަކަތަރި" ލޭބަލް ޖަހާފައި ވަނީ 2022ވަނަ އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުއެވެ. އޭރުވެސް "ހަކަތަރި" ލޭބަލް ޖެހީ ހިޓާޗީ ބްރޭންޑުގެ މުދާތަކުގައެވެ.
ހަކަތަރި ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަގީންކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ. އެ ޕުރޮގުރާމުގެ ދަށުން ކަރަންޓު އާލާތްތަކުގައި ހަރުކުރާ ލޭބަލަކީ ކަރަންޓު މަދުން ބޭނުންކުރާ އާލާތްތައް ދެނެގަތުމަށް ފަސޭހަ ކުރުމަށާއި އެފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރާ މިންވަރާއި ގުޅޭ ސައްހަ މައުލޫމާތު އަންގައިދިނުމުގެ މަގުސަދުގައި ހަރުކުރާ ލޭބަލެކެވެ.
"ހަކަތަރި" ލޭބަލް އަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ދިވެހި ލޭބަލެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން 2021 ވަނަ އަހަރު ތައާރަފު ކުރެވުނު "ހަކަތަރި" ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީ ވެސް އެސްޓީއޯއެވެ.
އެސްޓީއޯ އިން ބުނީ އެކުންފުންޏަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި، އަދި މުޖްތަމައަށް ފައިދާކުރުވާ ޒަމާނީއާ ކަންކަން ތައާރަފް ކުރުމުގައި ހާއްސަ އިސްކަމެއްދޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން 12 މެެއި 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި ހިޓާޗީ އެއާކޮންޑިޝަނަރު އެކުންފުނިން ވަނީ ތައާރަފު ކޮށްފައެވެ.
އެސްޓީއޯ އިން ހަކަތަރި ލޭބަލް ޖެހި އޭސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ 42 ޕަސެންޓު ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭސީތައް ހިމެނެއެވެ. އެކަމުގެ ސަބަބުން މުޖުތަމައު އިތުރަށް ހޭލުންތެރިވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ފައިދާކުރަނިވި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އެކުންފުނިން ބުންޏެވެ.
އަދި މީގެ އިތުރުން ނޮވެމްބަރު 2023 ވަނައަހަރު ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި "ހަކަތަރީ"ގެ ލޭބަލް ޖަހާ އިތުރަށް ފުޅާ ކުރެވިގެންދިޔަ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ.
"ހަކަތަރި" ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވާ ތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައި ދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.
މިއަދު އެސްޓީއޯ އިން ތައާރަފް ކުރީ ހިޓާޗީ ބްރޭންޑުގެ "ހަކަތަރި" ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިންއެވެ. އެސްޓީއޯ އިން "ހަކަތަރި" ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ "ހަކަތަރި" ރޭޓިން ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ މުދާ ކަން އަންގާދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
އަދި އެކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާ ކަން ފާހަގަ ކުރަމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑް ގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސްތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.