އެމްޑީޕީއަށް ނަވާރަ އަހަރު މިއަދު ފުރިއްޖެ ކަމަށާއި އެ އުމުރުގައި ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެ ކަމަށާއި ވާނެ އެއްޗެއް ވާން ގައުމު ދޫކޮށްނުލެވޭނެ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ، އެ ޕާޓީގެ އާންމު މެމްބަރުންނަށް ފޮނުއްވަމުން ޝާހިދު މިއަދު ވިދާޅުވީ އާ ބާރެއްގައި އެނބުރި އެމްޑީޕީ ވެރިކަމަށް އާދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަށް މިއަދު އޮނަވިހި ވީއެވެ. ޒުވާންކަމުގެ ޖޯޝާއި އެކު ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު ސީދާ ކުރަންވީ ވަގުތު ޖެހުނީއެވެ. މިއީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެކަމުގެ އުމުރެވެ. ވާނެ އެއްޗެއްވާން ދޫކޮށްނުލެވޭނެކަމުގެ ފިޔަވަޅެވެ،" އިދިކޮޅު ލީޑަރު ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވީ އެމް.ޑީ.ޕީއަކީ ދިވެހި ރައްޔިތުންގެ އުންމީދު ކަމަށާއި ފާރަވެރި، ވާދަވެރި ސިޔާސީ ނިޒާމެއްގެ އަލި ދަންމަރަކީ އެމްޑީޕީ ކަމަށެވެ. ދިވެހިރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާނަކީ ވެސް އެ ޕާޓީ ކަމަށާއި ޢާންމު ރައްޔިތުންގެ ހަމައިގައި ހަމަ ހަމަ ފުރުޞަތު އޮންނަ ނޫ އިޤްތިޞާދަކާއި، ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ޙިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ދިވެހިރާއްޖެއެއްގެ އަސާސް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މާތްވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ މި ޕާޓީގެ އަމާޒެވެ،" ޝާހިދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑިއަޅުވާ، ބަންދުކޮށް، ހުއްޓުވިދާނެކަމަށް އެއްވެސް ބަޔަކު ޤަބޫލު ކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ. ދިވެހިންނަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށާއި އެމްޑީޕީ އަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާ އެކު، އެންމެ ފުރަތަމަ ރާއްޖޭގައި ރަޖިސްޓްރީ ކުރި ޕާޓީއަކީ އެމްޑީޕީއެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރީ ރައީސް މައުމޫންގެ ވެރިކަމުގެ ފިއްތުންތަކުގެ ތެރޭގައި 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.