ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެބޭފުޅުންގެ ދެމެދުގައި އުފެދިފައިވާ ޒާތީ މައްސަލަތައް އެއްފަރާތް ކުރުމަށްފަހު އެއްގަލަކަށް އަރައިފިއެވެ.
ނަޝީދާއި ސޯލިހުއާ ދެބޭފުޅުންގެ ދެމެދުގައި މައްސަލަތައް އުފެދި އެމްޑީޕީ ދެބައިވެ ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އަދި އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 19ވަނަ މަޖިލިސް ރައީސް ކަމުގައި ހުންނެވި ނަޝީދާއި މަޖިލިސް ނާއިބު ރައީސް އީވާ މަގާމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީން ފެށިއެވެ.
މިފަދަ އެތައް މައްސަލަތަކަކާއި ގުޅިގެން ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޮތް ގާތް ގުޅުމަށް އޮތީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލިގެން ދިޔަ އެންމެ ބޮޑު އެއް ސަބަބު ކަމަށް ސޯލިހު ސިފަ ކުރެއްވި ސަބަބަކީ އެއީއެވެ.
އެމްޑީޕީގެ 19ވަނަ އަހަރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަދައްކަވަމުން ސޯލިހް ވިދާޅުވީ އެމްޑީޕީ އަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި އެޕާޓީ އުފެއްދެވީ ރައީސް ނަޝީދާ އަދި މިއަދު ދަ ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުންނާއި އެމްޑީޕީގެ ބޭފުޅުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
"އެ ޒާތީ އޭރު އެހުރި މައްސަލަތައް، އެކަން ކުރެވޭނެ އެނގޭތޯ، އަދި އަޅުގަނޑާ ދޭތެރޭގައި ހުރި މައްސަލައެއްވިޔަސް އިނގޭތޯ އެއްފަޅީގައި ބަހައްޓާފައި އަޅުގަނޑުމެން މިކުރި މަސައްކަތް އަދި ނިމުމަކަށް ނުދެޔޭ އަޅުގަނޑުމެން އެދުވަހު ފެށި އެމްޑީޕީގެ މަސައްކަތެއް،" ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ސޯލިހް ވިދާޅުވިއެވެ.
ސޯލިހްގެ މި ވާހަކަތަކުގެ ވީޑިއޯ ޕޯސްޓު ކުރައްވާ ނަޝީދު މިއަދު އެކްސްގައި ވިދާޅުވީ ސޯލިހުގެ އެ ވާހަކަފުޅަކީ ތެދު ވާހަކަފުޅެއް ކަމަށެވެ. ސޯލިހު ވިދާޅުވި މިސްރާބު ހޯދޭނެ ކަމުގެ އުއްމީދު އެމަނިކުފާނުވެސް ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވީ ދެ ފަޅީގައި ވެސް ތިބީ އެކުގައި އަދިވެސް މަސައްކަތް ކުރެވޭނެ ބޭފުޅުން ކަމަށެވެ. އެހެން ނޫން ނަމަ ރައްޔިތުންނަށް ބޮޑު ދެރައެއް ލިބިގެން ހިނގައި ދާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެމްޑީޕީ އަށް އެންމެ އަސާސީ އެއް އުސޫލަކީ އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ވެރިކަމެއް ކުރެވޭނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ އޮނިގަނޑު ރޭވިފައި ވަނީ އެ ހަމައަށް ކަމަށާއި އަދިވެސް އެޕާޓީ އެނބުރެންވީ އެ މިސްރާބަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.