އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ދައުވާލިބޭ އައްބާސް އާދިލް ރިޒާ ކޯޓަށް ހާޒިރުނުވެ އުޅެފައިވާތީ, މޫނަކަށް އަދި މަގާމަކަށް ބެލުމެއް ނެތި ފިޔަވަޅު އެޅިދާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް އަދާ ކުރައްވަމުން ގެންދަވާ އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން ކުރަނީ 2022 ގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވާލައި ޓްވީޓް ކުރެއްވުމާއި ކްލަބް ހައުސްގައި ވާހަކަ ދައްކަވަމުން މާލޭގައި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އައްބާސް އުޅޭ ތަނެއް ނޭނގި, ކޯޓަށް ހާޒިރު ނުކުރެވޭތީ ފުލުހުން ވެސް އޭނާ ހޯދަން ކުރިން އިއުލާންކުރި އެވެ. ނަމަވެސް މިއަދު ބޭއްވި އެ މައްސަލާގެ އަޑުއެހުމަށް އައްބާސް ހާޒިރުވެ ވަޑައިގަތެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ގަސްދުގައި ކޯޓަށް ހާޒިރުނުވެ އުޅޭނަމަ އެއްވެސް މީހެއްގެ މޫނަށް އަދި ހުރި މަގާމަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އައްބާސްގެ ވަކީލް ވިދާޅުވީ އެމްބަސީގައި ހުޅުޖަހަން އައްބާސްގެ ޓްވީޓްގައި ގޮވާލާފައި ނުވާ ކަމަށާއި ޓްވީޓްގައި އޮތީ އިންޑިއާ އައުޓް ހަރަކާތުގެ ވާހަކަ ކަމަށެވެ. އަދި ހުޅުޖެހުމާއި މީހުންގެ ފުރާނައަށް ގެއްލުން ދޭން ހިތްވަރު ދޭ ގޮތަށް އައްބާސް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އެ ދައުވާއަކީ ސިޔާސީ ގޮތުން ކުރެވޭ ސިޔާސީ ދައުވާއެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންކަމުން އެ ދައުވާއަށް އިންކާރުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.
އައްބާސް ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އައްބާސާ ދެކޮޅަށް ފުލުހުންގެ ބައެއް ރިޕޯޓްތަކާއި އެ ރިޕޯޓްތައް ތައްޔާރުކުރި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި އައްބާސްގެ ފަރާތުން އެދުނީ ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ.
އެހެންވެ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ ފުރުސަތު ދިނުމަށްފަހު އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމުމެވެ.