މީގެކުރިން އަބަދުވެސް މަސްވެރިންނަށް 200 މިލިއަނުން 300 މިލިއަނުން ފައިސާ ދޭން އޮންނަ ކަމަށާއި އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ އަދަދު މިހާރު 50 މިލިއަން ރުފިޔާ އަށް ދަށް ކޮށްފައިވާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހެޅި ކުއްލި މައްސަލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ މަސްވެރިންނާއި ގުޅޭ ގޮތުން އަބަދުވެސް މަޖިލީހަށް މައްސަލަތައް ހުށަހެޅޭ ކަމަށެވެ. ވޭތުވެދިޔަ 15 އަހަރުގައި ވެސް އެފަދަ އެތައް މައްސަލައެއް ހުށަހެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސްވެރިންގެ މައްސަލަތަކަކީ މީގެކުރިން އެއްވެސް ސަރުކާރަކަށް ހައްލު ކުރެވުނު މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް [ފައިސާގެ މައްސަލަތައް] ހައްލު ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ސަރުކާރާ ހަވާލުވިއިރު އެއްގޮތަކަށް ވެސް ނޭނގޭ ދައުލަތް އޮތީ މިހާލަތުގައި ކަމެއް. ދައުލަތުގެ ދަރަނި އިންތިހާ އަށް ބޮޑުވެފައިވާ ކަމެއް. ދައުލަތުގައި އެއްވެސް ލާރިއެއް ނެތް ކަމެއް. މިއީ އެނގޭ އެއްޗެއް ނޫން. ބަލާލިއިރުގައި ކަމަކު ދާކަށް ނެތް. ކުރެވޭނެ އެއްވެސް ކަމެއް ނެތް. ކުރިޔަށް ދެވޭނެ މަގެއް ނެތް. މަސައްކަތް ކުރަން މި ޖެހުނީ ކިހިނެއްތޯ. ފައިސާ ހޯދަން މި ޖެހުނީ،" ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ފައިސާ ޗާޕު ކޮށްގެން ވެސް މަސްވެރިންނަށް ފައިސާ ނުދީ އޮތް ކަމަށެވެ. އަދި މިއަދު އެމްޑީޕީގެ ފަރާތުން މަސްވެރިންނަށް ފައިސާ ނުދޭ މައްސަލާގައި ކުއްލި މައްސަލައެއް ހުށަހެޅުމަކީ "ލަދަ ހަޔާތެއް ނެތުން" ކަމަށް ސިފަ ކުރެއްވިއެވެ.
"މީގެކުރިން އަބަދުވެސް މަސްވެރިންނަށް ދޭން އޮންނާނެ 200 މިލިއަނުން 300 މިލިއަން ރުފިޔާ. އެހެންނަމަވެސް މި ސަރުކާރުން މިހާލަތުގައި ވެސް މަސްވެރިންނަށް ދޭން މިއޮތީ އެންމެ 50 މިލިއަން ރުފިޔާ. އެންމެ 50އަށް މިލިއަން ރުފިޔާ. އެހެންވީމަ ކޮބައިތޯ ކޮން ބަޔަކަށްތޯ އެ މަސައްކަތް ކުރެވުނީ. ލާރި ނެތި ފައިސާ ޗާޕު ނުކޮށް އެ ހާލަތުގައި އޮވެފައި 50 މިލިއަނަށް ދަށްކުރީ،" ސަލީމް ވިދާޅުވިއެވެ.
މަސްވެރިންނަށް އެ މީހުން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަލީމް ވިދާޅުވީ އެފަދައިން އެމަނިކުފާނު ވިދާޅުވި ނަމަވެސް އެއީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ދުވަހު ކުރަން ނިންމެވި ކަމެއް ނޫން ކަމަށާއި ވެރިކަމުގެ 5 އަހަރުގެ ތެރޭގައި އެ ވައުދު އެމަނިކުފާނު ފުއްދަވާނެ ކަމަށެވެ.
ސަލީމް ފާހަގަކުރެއްވި ގޮތުގައި މަސްވެރިންނަށް އެންމެ "ދުއްޕާން" ކޮށް "ޖެއްސުން" ކުރީ ވޭތުވެދިޔަ ފަސް އަހަރު އޮތް އެމްޑީޕީގެ ސަރުކާރުން ކަމަށެވެ.