ލ. މުންޑޫގައި މީގެ ހަތް އަހަރު ކުރިން މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި އަލީ ސިފާމް އުމުރަށް ޖަލަށްލީ ގޯސްކޮށް ކަމަށާއި އޭނާގެ މައްޗަށް ދޭންޖެހޭނީ ގާނޫނުލް އުގޫބާތުގެ ދަށުން އޮންނަ ލުއި އަދަބެއް ކަމަށް އޭނާގެ ފަރާތުން ހައި ކޯޓުގައި މިއަދު ބުނެފިއެވެ.
މާޗް, 2014 ގައި ޒިޔަދަމް މަރާލި މައްސަލައިގައި އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު ހަމަ އެ މައްސަލައިގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށް ވަނީ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން ސިފާމްގެ ފަރާތުން ހުށަހެޅި މައްސަލާގައި ހައި ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ސިފާމްގެ ވަކީލުން ބުނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވިޔަސް, އޭނާގެ މައްޗަށް ކަނޑައެޅޭނީ ގާނޫނުލް އުގޫބާތުގެ ދަށުން އޮންނަ ލުއި އަދަބު ކަމަށެވެ. އެހެންވެ, ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް, ލުއި އަދަބު ކަނޑައަޅަން ވަކީލުން އެދުނެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައަޅާ ނަމަ ސިފާމްގެ މައްޗަށް ގިނަވެގެން އަންނާނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ވަގުތުން މިނިވަންވާނެ އެވެ.
ނަމަވެސް ދައުލަތުން ބުނީ ޒިޔަދަމްގެ މައްޗަށް އަދަބު ކަނޑައެޅީ ރަނގަޅަށް ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.