ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާ ގޮތަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދައްކަވައިފައިވާ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

ކުށް ކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސް ހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމާއި ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައި އޮތް ފުލުހުންގެ ފަރާތުން އެފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ވަނީ ދެކިފައެވެ.

"އެމްޑީޕީގެ ސަރުކާރުގައި، ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކޮށްފައި ވާނީ އެކަމަށް ހާއްސަ ގާނޫނު ކަމުގައިވާ، ގާނޫނު ނަންބަރު 2/2010 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށެވެ،" ބަޔާނުގައިވެއެވެ.

އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހުލާގު ރަނގަޅު މީހުންނާއި، ރީހެބިލިޓޭޓް ކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެ ފަދަ މީހުން ފާހަގަކޮށް، އެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން އެމީހުން މިނިވަން ކޮށްފައި ވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

"އެ މީހުން މިނިވަންކޮށްފައި ވާނީ، މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މައާފުކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފައެވެ" އެމްޑީޕީން ބުންޏެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށްލުމުގެ ގާނޫނީ ފުރުސަތު އޮތް އިރު، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަން ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ހަމައެހެންމެ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އެޕާޓީން ބުންޏެވެ.